ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް ކުރެއްވި ކެމްޕޭންނުގައި އެންމެ ބޮޑަށް ވިއްކި އެއް ސިޔާސަތަކީ، "ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމް"އެވެ. އެގޮތުން، ބޯހިޔާވަހިކަމަށް ޚާއްސަކޮށް ކުންފުންޏެއް އުފެއްދިއެވެ. އެއީ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އެވެ. އެފްޑީސީ އުފައްދައި، އިންޑިއާގެ 2 ކުންފުންޏަކާ ޙަވާލުކޮށްގެން، ގެދޮރުވެރިޔާގެ 4000 ފްލެޓްގެ މަސައްކަތް ފަތުއަޑުކިޔާފައި ފެއްޓިއެވެ. އަދި ޖުމުލަ 32 ޓަވަރު ހިމެނޭ މި މަޝްރޫޢުގެ 13 ޓަވަރެއް މިއަހަރުގެ އޯގަސްޓުގެ ނިޔަލަށް ނިންމާލާނޭކަމުގެ ފުރިހަމަ ޔަގީންކަން ދިނެވެ. ނަމަވެސް، އެފްޑީސީން މިހާރު ބުނަނީ، ކުރީން ބުނި 13 ޓަވަރުގެ ތެރޭން މިއަހަރު ނިމޭނޭކަމަށް މިހާރު ލަފާކުރެވެނީ 4 ޓަވަރެއް ކަމަށެވެ. 

މަޝްރޫޢުތައް ހަވާލުކުރުމުގައި ރައީސް އިބްރާހީމްގެ ސަރުކާރުން ވަނީ، ޚާރިޖީގޮތުން އެމަނިކުފާނު އެންމެ ގާތްކަމެއް ބޭއްވި، އަވައްޓެރި އިންޑިއާގެ ކުންފުނިތަކަށް ޚާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ހައުސިންގ ޔުނިޓްގެ ތެރޭން، އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެންބީސީސީ ލިމިޓެޑް، މިއިން ކޮންމެ ކުންފުންޏަކަށް 2000 ހައުސިންގ ޔުނިޓް ހަވާލުކޮށްފައިވެއެވެ. 

އިންތިޚާބާ ދިމާކޮށް، ޢާންމުކޮށް ރަޔިތުން "ޅޮސްއުނދޯއްޔަށް އަރުވާ" އުސޫލުން، މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު، އެފްޑީސީން ވަނީ، ޖުމުލަ 32 ޓަވަވަރުގެ މި މަޝްރޫޢުގެ "އެކްސްޕީރިއަންސް ޔުނިޓް" ތަރައްޤީކޮށްފައިވާ ޓަވަރު 12އަށް ޒިޔާރަތްކޮށް، އެތަން ބަލާލުމުގެ ފުރުސަތުވެސް ދީފައެވެ. އަދި ރައްޔިތުންވެސް ތިބީ، އެކަމާ ނުލާހިކު އުފާވެ، އޯގަސްޓް މަހުގެ ތެރޭގައި ގިނަބަޔަކަށް މި ޓަވަރުތަކުން ބޯހިޔާވަހިކަން ލިބޭނޭކަމުގެ ނުހަނު ބޮޑު އުންމީދެއްގައެވެ. 

އިންޑިއާގެ ކުންފުނިތަކުން ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ މިފަދަ ޢުމްރާނީ މަޝްރޫޢުތައް ކުރިއަށް ދާގޮތް، މާޒީގައި ދިވެހީން ވަނީ ތަޖްރިބާކޮށްފައެވެ. މިއަހަރުގެ އޯގަސްޓަށް 13 ޓަވަރެއް ނިންމައިި ރައްޔިތުންނާ ތަޅުދަނޑި ހަވާލުކޮށްދޭނޭކަމުގެ ޔަގީންކަން ދީފައިވާއިރު، އަންނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިންމާނޭކަމަށް ވަނީ ވައުދުވެފައެވެ. ނަމަވެސް އިންތިޚާބުން ބަލިވެ، ރައީސް އިބްރާހީމްގެ ސަރުކާރު ނިމުމަކަށް ދާއިރު ކުރީން އެ ދިން އުންމީދުތަކަކީ ހަމަ ޙަޤީޤަތުގައިވެސް އޭރު އިންތިޚާބު ކާމިޔާބުކުރުމަށް ދެއްކި ހުވަފެނެކެވެ. 

އެފްޑީސީން ހުޅުމާލޭގައި ތަރައްޤީކުރާ 32 ޓަވަރުގެ ތެރޭން ބައެއް ޓަވަރުތައް-- ފޮޓޯ: އެފްޑީސީ

 

އެފްޑީސީން މައުލޫމާތު ދޭގޮތުން، އިންޑިއާގެ ދެ ކުންފުންޏާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 32 ޓަވަރުގެ ތެރޭން މިހާރު ކޮންސްޓްރަކްޝަން މަސައްކަތް އެއްކޮށް ނިންމާލެވިފައި ވަނީ އެންމެ 8 ޓަވަރެއްގެއެވެ. އަދި އޭގެ ތެރޭން، ފިނިޝިންގ މަސައްކަތް މިއަހަރު ތެރޭ ނިންމާލެވޭނީ 4 ޓަވަރެއްގައެވެ. 

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23ގައި، ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެންބީސީސީ ލިމިޓެޑާ ހަވާލުކުރި 227 މިލިއަންޑޮލަރުގެ މި މަޝްރޫޢުގެ ދަށުން، ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 2 ކޮޓަރީގެ 1200 ހައުސިންގ ޔުނިޓާއި، 3 ކޮޓަރީގެ 2800 ހައުސިންގ ޔުނިޓެވެ. މީގެތެރެއިން 2 ކޮޓަރީގެ ޔުނިޓްތަކުގައި 650 އަކަފޫޓު ހުންނައިރު، 3 ކޮޓަރީގެ ފްލެޓްތަކުގައި 900 އަކަފޫޓު ހުންނާނެއެވެ.މިއީ 17 ނުވަތަ 18 ފަންގިފިލާގެ ޓަވަރުތަކެވެ. 3 ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގަކަށް ކަނޑައަޅާފައި ވަނީ، 13،000ރުފިޔާއެވެ. އަދި 2 ކޮޓަރީގެ އެޕާޓްމަންޓެއްގެ މަހު ފީއަކީ، 7،000 ރުފިޔާއެވެ. 

ކުރިން އަންނަ އަހަރުގެ އޯގަސްޓަށް މި 4000 ފްލެޓް އަޅާނޭކަމަށް ވަޢުދުވީ ނަމަވެސް، މިހާރު އެފްޑީސީން ލަފާކުރާގޮތުންވެސް މި މަޝްރޫއުގެ މަސައްކަތް ނިމޭނީ، 2025 ވަނަ އަހަރުތެރޭގައެވެ. 

މި 4000 ފްލެޓަށް ވަންނާން، ޝަރުތު ހަމަވާ 13،000 ވަރަކަށް މީހުން ތިބިއިރު، އޭގެ ތެރޭން، ރައީސް އިބްރާހީމްގެ ސަރުކާރު ނިމުމުގެ ކުރީން، 4000 މީހުންނާ ލިޔުން ޙަވާލުކުރާން ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ، އަދި މުއްދަތަކަށްފަހު މުއްދަތެއް ދެމުން ގޮސް، މިހާރު ބުނެފައި ވަނީ، އަންނަ ހަފްތާ ތެރޭގައި ދާއިމީ ލިސްޓް ނެރޭނޭ ކަމަށެވެ. 

އެފްޑީސީން ވަނީ، މިދިޔަ އޯގަސްޓް މަހުގެ ތެރޭގައިވެސް އިންޑިއާގެ ކުންފުންޏަކާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު 4000 ހައުސިންގ ޔުނިޓެއް އަޅާން އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ، ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) ކިޔާ ކުންފުންޏެކެވެ. ނަމަވެސް، އޭގެ އަމަލީ އެއްވެސް މަސައްކަތެއް އަދި ނުފަށައެވެ.