އެމެރިކާގެ އެންމެ ބޮޑު ސްކޫލް ސިސްޓަމް އޮންނަ ނިއުޔޯކް ސިޓީގެ ޕްރައިމަރީ އަދި މިޑްލް ސުކޫލްތަކުގައި ދަރިވަރުން އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ވަސީލަތްތައް ބޭނުންކުރުން އެއް އަހަރު ދުވަހުގެ މުއްދަތަށް މަނާކުރުމަށް ނިއުޔޯކް ސިޓީގެ މޭޔަރު ޒުހުރާން މަމްދާނީ ނިންމަވައިފިއެވެ.
މި ނިންމެވުމާއެކު، ނިއުޔޯކް ސިޓީގެ ޕަބްލިކް ސްކޫލްތަކުގައި ކިޔަވަމުންދާ 600,000 އަށްވުރެ ގިނަ ދަރިވަރުންނަށް އޭއައި ވަސީލަތްތައް ބޭނުންކުރުން ވަގުތީގޮތުން ހުއްޓޭނެއެވެ. އަދި ތަޢުލީމީ ދާއިރާގައި ބޭނުންކުރަމުން އައި، އޭއައި އެކުލެވޭ 40 އަށްވުރެ ގިނަ ސޮފްޓްވެއަރއާއި ޓޫލްތަކުގެ ޚިދުމަތް ދަރިވަރުންނަށް މަނާވެގެންދާނެއެވެ. މިއީ އެމެރިކާގެ ސިޓީއަކުން އޭއައި ވަސީލަތްތަކާ ދެކޮޅަށް އަޅާފައިވާ މިފަދަ އެންމެ ވަރުގަދަ އަދި ފުޅާ ފިޔަވަޅެވެ.
މޭޔަރު މަމްދާނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ކުޑަކުދިންގެ އުނގެނުމުގެ މަރުޙަލާގައި އަމިއްލައަށް ވިސްނައި، ސުވާލުކޮށް، އިންސާނީ ގުޅުންތަކުގެ ތެރެއިން ކަންކަން ދަސްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ކުދިންގެ މަޢުލޫމާތު ނަގައިގެން ވިޔަފާރި ކުރުމަށް ފުރުޞަތު ނުދެވޭނެ ކަމަށާއި، ކުދިންގެ އުނގެނުމުގެ އަސާސްތައް ހިމާޔަތްކުރަންޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، މި މަނާކުރުން ޘާނަވީ، އަދި މަތީ ޘާނަވީ ސުކޫލް ދަރިވަރުންނަށް މުޅިން އަމާޒެއް ނުވެއެވެ. މަތީ ޘާނަވީ ސުކޫލް ދަރިވަރުންނަށް އޭއައި ބޭނުންކުރުމުގެ ރައްކާތެރި ގޮތްތަކާއި، އޭގެ ރިސްކުތައް އުނގަންނައިދިނުމުގެ ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ޓީޗަރުންނަށް ފިލާވާޅުތައް ތައްޔާރުކުރުމަށާއި އިދާރީ މަސައްކަތްތަކަށް އޭއައި ބޭނުންކުރުމުގެ ހުއްދަ އޮންނާނެއެވެ. ނަމަވެސް، ނަފްސާނީ އަދި އިޙްސާސީ އެހީތެރިކަން ފޯރުކޮށްދޭ "ޗެޓްބޮޓް"ތައް ބޭނުންކުރުން ވަނީ ހުރިހާ އުމުރުފުރާއަކަށް މަނާކޮށްފައެވެ.
އެމެރިކާގެ ތަޢުލީމީ ނިޒާމުގައި އޭއައިގެ ނުފޫޒު ބޮޑުވަމުންދާ ދަނޑިވަޅެއްގައި، ނިއުޔޯކް ސިޓީގެ އިތުރުން ލޮސް އެންޖެލިސް ފަދަ އެހެން ބޮޑެތި ސިޓީތަކުންވެސް ސްކޫލްތަކުގައި އޭއައި ބޭނުންކުރާ މިންވަރު ކޮންޓްރޯލްކުރުމަށް ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ.