ކުޑަކުދީންނަކީ އަޅުގަނޑުމެންގެ ލޮލުގެ ފިނިކަމެވެ. އެ ކުދީންގެ މޫނުމަތިން ފެންނަ އުޖާލާ ހިނިތުންވުމަކީ އިންސާނީ ހިތްތަކަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދޭ ކަމެކެވެ. މާތް ﷲ މައިންބަފައިންނާ ހަވާލުކުރައްވާފައިވާ މި އަގުހުރި އަމާނާތް ރައްކާތެރިކޮށް، ހުރިހާ ޙާލެއްގައި އަދި ހުރިހާ ވަގުތެއްގައިވެސް އެ ކުދީންނަށް އަމާން މާޙައުލެއް ހޯދައިދިނުމަކީ މައިންބަފައިންނާއި މުޅި މުޖުތަމަޢުގެ މައްޗަށް ވާޖިބުވެގެންވާ މަތިވެރި މަސްއޫލިއްޔަތެކެވެ.

މި ލިޔުމުގައި ބަލައިލާނީ 4 ސެޕްޓެމްބަރު 2026 (22 ރަބީޢުލްއައްވަލް 1448) ވީ ހުކުރު ދުވަހު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި "ކުޑަކުދީންގެ ޙައްޤުތައް" މައުޟޫޢުގެ މައްޗަށް ލިޔެފައިވާ ހުކުރު ޚުޠުބާއަށެވެ.

ހިތާމަވެރި ޙާދިސާތަކާއި އިހުމާލުވުން

މިއަދުގެ މުޖުތަމަޢުން ފެންނަމުންދާ ބައެއް ހިތާމަވެރި ޙާދިސާތަކަށް އަލިއަޅުވާލައި، ކުޑަކުދީންގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާކަން ޚުޠުބާގައި ވަނީ ބުނެފައެވެ. އެގޮތުން، ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް ލިބުނު މައުސޫމު ކުއްޖަކަށް ފަރުވާކުރަމުންދަނިކޮށް ނިޔާވި ޚަބަރާއި، އިމާރާތެއްގެ މަތިން ތުއްތު ކުއްޖަކު ވެއްޓި ނިޔާވި ހިތްދަތި ޚަބަރަކީ ކުޑަކުދީންނަށް އިހުމާލުނުވުމަށް އެންމެންނަށް ހަނދާންކޮށްދޭ ހިތާމަވެރި ޙާދިޘާތަކެއްގެ ގޮތުގައި ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ކީރިތި ޤުރްއާނުގައި މާތް ﷲ ވަނީ އަމިއްލަ ނަފުސުތަކާއި އަހުލުވެރިން ނަރަކައިގެ އަޒާބުން ސަލާމަތްކުރުމަށް އަމުރުކުރައްވާފައިވާކަން ފާހަގަކޮށް، ޚުޠުބާގައި ބުނެފައިވަނީ ކުޑަކުދީންނަކީ މި އަމުރުގެ ތެރޭގައި ހިމެނޭ، ޙިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭ އަހުލުވެރިންކަމަށެވެ.

އިސްލާމްދީނުގައި ކުޑަކުދީންގެ ޙައްޤުތައް

ޚުޠުބާގައި އަލިއަޅުވާލާފައިވާ ގޮތުން، ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މުޢާޙަދާތަކާއި ޤާނޫނުތައް ވުޖޫދަށް އައުމުގެ މާކުރިން، އިސްލާމީ ޝަރީޢަތުގައި ވަނީ އެ ކުދީންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދެއްވައިފައެވެ. ފަޤީރުވެދާނެކަމުގެ ބިރަށް ދަރިން ނުމެރުމަށް އަންގަވައި، އެ ކުދީންނަށް ރައްކާތެރި، އަމާން މާޙައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދިނުން ވަނީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުކުރައްވާފައިވާކަން ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ކުއްޖަކު އުފަންވުމުން ރިވެތި ނަމެއް ކިޔައި، އިސްލާމީ ޝަޚުޞިއްޔަތު ބިނާކުރުމަކީ އެ ކުދީންނަށް ލިބިދޭންޖެހޭ އަސާސީ ޙައްޤެއްކަން ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އެގޮތުން، ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޢުމަރުގެފާނުގެ ދަރިކަނބަލުންނަށް ކިޔާފައިވި "ޢާޞިޔާ" (އުރެދުންތެރިޔާ) ގެ ނަން "ޖަމީލާ" (ރީތި އަންހެނާ) އަށް ބަދަލުކުރައްވައި، ރީތި ނަންދިނުމުގެ މުހިންމުކަން އުންމަތަށް ބަޔާންކޮށްދެއްވާފައިވާކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

އަނިޔާއިން ރައްކާތެރިކުރުމާއި ތަރުބިޔަތު

ޚުޠުބާގައި ބުނެފައިވާ ގޮތުގައި، އަނިޔާވެރިކަމާއި، ތަފާތުކުރުންތަކާއި، ގަނާކުރުން ފަދަ ކަންކަމުން ކުޑަކުދީން ރައްކާތެރިކުރުމަކީ އެ ކުދީންނަށް ލިބިދޭންޖެހޭ މުހިންމު ޙައްޤެކެވެ. އެކަކު އަނެކަކަށް އަނިޔާވެރިވުން ޙަރާމްކުރައްވާފައިވާކަން ޤުދުސިއްޔަ ޙަދީޘަކުން ދައްކުވައިދޭކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ދަރިން ތަރުބިޔަތުކުރުމުގައި ޢިލްމާއި އަޚުލާޤުގެ އިތުރުން ރޫޙާނިއްޔަތު ވަރުގަދަކުރުމުގެ މުހިންމުކަން ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ. ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ރޫޙާނިއްޔަތުގެ އަސާސަކީ އިންސާނާއާއި އޭނާގެ ވެރިރަސްކަލާނގެއާ އޮންނަ ގުޅުމެވެ. އެގޮތުން، ކުދިންގެ އުމުރުން ހަތް އަހަރުވުމުން ނަމާދުކުރުމަށް އަމުރުކުރުމަށާއި، ދިހަ އަހަރުވުމުން ނަމާދުނުކުރާނަމަ އަދަބުދީގެންވެސް ފަރުޟު ފަސް ނަމާދު ފަދަ ދީނީ ޝިޢާރުތަކަށް އަހުލުވެރިކުރުމަކީ މައިންބަފައިންގެ މައްޗަށް އޮތް ވާޖިބެއްކަން ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ޤާނޫނީ އަދި އިޖުތިމާޢީ މަސްއޫލިއްޔަތު

ކުޑަކުދީންނަށް އޯގާތެރިނުވާ މީހާއީ މުސްލިމުންގެ ތެރެއިންވާ މީހެއް ނޫންކަމަށް ހަދީޘްފުޅުގައި އައިސްފައިވާކަން ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، އެ ކުދީންނަށް އެންމެ ބޮޑަށް އަޅާލުމާއި އޯގާތެރިކަން ދޭންޖެހޭ މައިންބަފައިންގެ ކިބައިންނާއި މުޖުތަމަޢުގެ ތެރެއިން އިހުމާލުވެ، ލާއިންސާނީ އަނިޔާތައް ލިބެމުންދިއުމަކީ ވަރަށް ހިތާމަހުރި ކަމެއްކަން ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.

ޚުޠުބާ ނިންމާލަމުން، ކުޑަކުދީންނަށް އިހުމާލުވެ އަނިޔާވެރިވާ ފަރާތްތަކަށް އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބުދިނުމަށް ކަމާބެހޭ މުއައްސަސާތަކަށާއި މަސްއޫލުވެރި އެންމެހައި ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.