ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރި ހިޔާ ފްލެޓްތަކުގެ ތެރޭގައި ހިމެނޭ، އަދި ފަހުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން "ވިނަރެސް"ގެ ނަންދީގެން އަގަށް ބޮޑެތި ބަދަލުތަކެއް ގެނައި ފްލެޓްތަކުގެ ކުލީގެ އިންޓްރެސްޓް ރޭޓް 6 އިންސައްތައަށް ކުޑަކޮށްފިއެވެ. 

ރައީސް އިބްރާޙީމް ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ޢިމާރާތްކޮށް ނިމިފައި ހުރި ފްލެޓްތަކުގެ ނަން "ވިނަރެސް"އަށް ބަދަލުކޮށް ފްލެޓްތަކުގެ އަގު، 2.52 މިލިއަން ރުފިޔާއާއި 2.59 މިލިއަން ރުފިޔާއާ ދެމެދަށް ކަނޑައެޅުމަށް ފަހު، 20-25 އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާގޮތަށް އެޗްޑީސީން ކަނޑައެޅީ 9 އިންސައްތައެވެ. ނަމަވެސް، ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް އިންތިޚާބު ނުވުމާއެކު، އަދި ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރައީސް އަރިހުގައި ރައްޔިތުން އެކަންބޮޑުވުންތައް ފާޅުކޮށްފައި ވާތީކަމަށް ބުނެ، އެޗްޑީސީން މިހާރު ވަނީ، ދިގުމުއްދަތެއްގައި ތެރޭގައި ކުލި ދައްކާ ފަރާތްތަކަށް އިންޓްރެސްތް ރޭޓް 6 އިންސައްތައަށް ކުޑަކޮށްފައެވެ. 

ކުރީގެ ސަރުކާރުން "ވިނަރެސް ފްލެޓް"ތައް އެޅީ، އޭރު ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެންނެވެ. ނަމަވެސް، ރައީސް އިބްރާހީމްގެ ސަރުކާރުން މުޅި މަޝްރޫޢު އޮޅުވާލައި، "ވިނަރެސް"ގެ ނަމުގައި އާމަޝްރޫޢެއް ހިންގަނީކަމަށް ސިފަވާގޮތަށް ހަދައި، ތަނުގެ އަގުވެސް ބޮޑުކޮށް ހެދުމަށްފަހު، ޔާމީނުގެ ސަރުކާރުން ފަންނީ ފަރާތްތަކަށް ދޭން އޮތް ފްލެޓްތައް ގެއްލުވާލުމަށްފަހު އެފަރާތްތަކަށް ދީފައި ވަނީ، ހިޔާ ފްލެޓްގެ 16 ޓަވަރުން ޢާންމުކޮށްދިން ފްލެޓްތަކުންނެވެ. ނަމަވެސް ފަންނީ ފަރާތްތަކަށް އޭރުގެ ސަރުކާރުން ދެއްކި ކުރެހުންތަކުގައި ހުރީ، 2+1 ރޫމާއި 3 ރޫމްގެ އެޕާޓްމަންޓުތަކެވެ. 

މިސަރުކާރު ނިމިގެންދާއިރުވެސް އަދިވެސް އެއްކޮށް ފިނިޝިން މަސައްކަތްތައް ނިންމާ ނުލެވި ހުރި، 1344 "ވިނަރެސް" ފްލެޓްތައް ބޮޑުއަގުގައި ވިއްކާފައި ވަނީ، ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ފްލެޓްތައް ދޫކޮށްފައި ވަނީ، މާލޭ ރަށްވެހިންގެ ޚާއްސަ ކެޓަގަރީން 1058 މީހުންނަށް އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ މީހުންގެ ކެޓަގަރީއިން 257 ފަރާތަކަށެވެ. މީގެ އިތުރުން، ހިޔާ 16 ޓަވަރުން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރޭން އެތަންތަން ދޫކޮށްލާފައި ވިނަރެސްއަށް ބަދަލުވުމުގެ ފުރުސަތުވެސް އެޗްޑީސީން ދިނެވެ. ނަމަވެސް، އޭރު މި ފްލެޓްތަކަށް ސަރުކާރުން ކަނޑައަޅާފައިވާ ބޮޑު އަގުގެ ސަބަބުން، ރައްޔިތުން ކުރަމުން ގެންދިޔަ ޝަކުވާއަކީ މާލޭގެ 3 ކޮޓަރީގެ އެޕާޓްމަންޓެއް ކުށްޔަށް ހިފައިގެން ދައްކާންޖެހޭ އަގަށްވުރެ ބޮޑު ކުއްޔެއް ވިނަރެސްގެ 3 އެޕާޓްމަންޓަށް ދައްކާން ޖެހޭ ކަމުގެ ޝަކުވާއެވެ.