ވެލްޑިންގ ގޭސް ސިލިންޑަރެއް ގޮވައި، ދެ މީހަކު ނިޔާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ހދ. މަކުނޫ އެއަރޕޯޓް އަޅަން ކުރިއަށް ގެންދާ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލައިފިއެވެ. 

މިދިޔަ ހޮނިހިރު ދުވަހު ހަވީރު 4:15 ކަންހާއިރު ހިނގި ނުރައްކާތެރި ހާދިސާގައި ނިޔާވެފައި ވަނީ، ބިންހިއްކުމުގެ މަސައްކަތް ކުރަމުން ގެންދިޔަ ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި މަސައްކަތްކުރާ އިންޑިޔާގެ ދެ މުވައްޒަފުންނެވެ. އާގަން ގޭސް އަޅާފައި ހުރި ބޮޑު ސިލިންޑަރު ގޮވި އަޑުފައްގަނޑާއެކު މުޅި މަކުނުދޫ ގުޑުވާލި އެ ހާދިސާގައި ނިޔާވި ދެމީހުންގެ ހަށިގަނޑުވެސް ވަނީ ކާކުކަން ނޭނގޭވަރަށް ފުނޑުފުނޑުވެފައެވެ. އަދި ކައިރީގައި ހުރި ޢިމާރާތާއި ބައެއް އުޅަނދުތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. 

އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް، މަކުނުދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިން ހިއްކައި އަދި އެ ސަރަހައްދު ހިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓް ޖަހާގޮތަށް، 16 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިންގާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ބިގްފިޝް މޯލްޑިވްސްއިން ފެށީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށްފައި ވަނީ، 22 ޖޫން 2022ގައެވެ.

މަކުނުދޫ ދެކުނުފަރާތުން ބައެއް ހިއްކައިގެން ތަރައްގީކުރާ އެއަރޕޯޓުގެ ރަންވޭ އަކީ 1،500 މީޓަރު (1.5 ކިލޯ މީޓަރު) ދިގު ރަންވޭއެކެވެ. 

މަކުނުދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، މިހާރު އެ މަސައްކަތުގެ 17 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި މަސައްކަތް މެދު ކަނޑާލީ ނިޔާވި ދެމީހުންނާއެކު ގައި މަސައްކަތްކުރި ފަރާތްތަކަށް އެ ހާދިސާއާ ގުޅިގެން ލިބިފައިވާ ނަފްސާނީ ބިރުވެރިކަމުން އަރައިގަނެ ކަންކަން ހަމައަކަށް އެޅެންދެނެވެ.