ކުރިއަށް އޮތް 5 އަހަރު ތެރޭގައި މަދުވެގެން 13 ޑޮމެސްޓިކް އެއަރޕޯޓް ރާއްޖޭގެ އެކި ކަންކޮޅުގައި މުޅިން އަލަށް ތަރައްގީކުރައްވާނޭކަމަަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ބަނޑޮސް މޯލްޑިވްސް ރިސޯޓުގައި ބުރާސްފަތި ދުވަހު ކުރިއަށްދިޔަ ހޮޓެލިއަރ މޯލްޑިވްސްގެ ޖީއެމް ފޯރަމް ޝަރަފުވެރިކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އިންތިޚާބީ ރައީސް ވިދާޅުވީ، މުޅި ރާއްޖެއަށް ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރެއްވުމަކީ އެމަނިކުފާނުގެ ތަޞައްވުރެއް ކަމަށާއި، އެކަން ފުރިހަމަކުރެއްވުމަށް، އެތެރޭގެ އުދުހުންތަކަށް އޮތް ދަތިކަން ދެނެގަނެ، ރާއްޖޭގައި ދަތުރުފަތުރުކުރުމަށް އޮތް ތަކުލީފަށް ނިމުމެއް ގެންނަވާނޭކަމަށެވެ. 

ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ ޕީކްސީޒަނަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢުވެސް އެއްކޮށް ނިންމަވާލެއްވުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން، ޑރ. މުޢިއްޒު ވިދާޅުވީ، "އާ އަދި ޒަމާނީ ގޭޓްވޭއާއެކު، މަދުވެގެން އާ 13 ޑޮމެސްޓިކް އެއަރޕޯޓް އަންނާނެ،" ކަމަށެވެ. 

ހޮޓެލިއަރ މޯލްޑިވްސް ޖީއެމް ފޯރަމްގައި ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ހޮޓެލިއަރމޯލްޑިވްސް

 

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، " ދެކުނުގައި ސީޕްލޭން ހަބެއް ތަރައްޤީކުރެވޭނެ. ޖުމްލަކޮށް ޤައުމީ ގުޅިފައިވާ ދަތުރުފަތުރާއެކު ފަތުރުވެރިކަން ފުޅާވެ، އިތުރު ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި، ބެޑް ކެޕޭސިޓީ އިތުރުވާނެ،" ކަމަށެވެ.

މޯލްޑިވިއަންގެ އޮޕަރޭޝަންސްތައް އިތުރަށް ފުޅާކުރައްވައި، އެމްއޭސީއެލްއާއި މޯލްޑިވިއަންއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާކުރާނޭ ދެކުންފުނީގެ ގޮތުގައި ހައްދަވާނޭކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ. 

ރާއްޖޭގައި މިހާރުވެސް، 16 ޑޮމެސްޓިކް އެއަރޕޯޓް އޮވެއެވެ. ނަމަވެސް، ޓިކެޓްގެ އަގުބޮޑުކަމުން ޢާންމުން ދަތުރުކުރުމަށް ފަސްޖެހޭއިރު، މިއިން ބައެއް އެއަރޕޯޓުތަކަށް އުދުހުންތައްވެސް ބާއްވަނީ ވަރަށް މަދުންނެވެ.