ކުޅުދުއްފުށި ސިޓީގެ އެއަރަޕޯޓުގައި ބުރާސްފަތި ދުވަހު ސިލިންޑަރެއް ގޮވުމުގެ ސަބަބުން ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާ މީހާ އިތުރުފަރުވާއަށް މާލެއަށް ގެނެސްފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު ދާއޫދު ވިދާޅުވީ، އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު އެއަރޕޯޓުގެ މުވައްޒަފު މިހާރު އިތުރު ފަރުވާއަށް މާލެ ފުރުވާލާފައިވާކަމަށެވެ. ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ، އެއަރޕޯޓުގައި މަސައްކަތްކުރާ ދިވެހި ފިރިހެނަކަށް ކަމަށެވެ.

އެމްއެންޑީއެފުން ވަނީ، ކުޅުފުށީ ރީޖަނަލް ހޮސްޕިޓަލްގައި، ކްރިޓިކަލް ކޮންޑިޝަނެއްގައި އޮތް ޢުމުރުން 37 އަހަރުގެ ފިރިހެނަކު، މިރޭ 19:08 ކަންހާއިރު، އެމްއެންޑީއެފްގެ ޑޯނިއަރ އެއަރކްރާފްޓްގައި މާލެއަށް ގެނެސްފައިވާ ކަމަށް ބުނެފައެވެ. 

ކުޅުދުއްފުށި ސިޓީގެ އެއަރޕޯޓުގައި ސިލިންޑަރެއް ގޮވާފައި--

 

އެއަރޕޯޓް ފަޔަރ ޓްރޭނިންގގައި ބޭނުންކުރާ ސިލިންޑަރެއް ގޮވި ހާދިސާގައި އެއަރޕޯޓުގެ 4 މުވައްޒަފަކަށް އަނިޔާވެފައި ވާއިރު، އޭގެ ތެރޭން އެންމެ ބޮޑަށް ޒަޚަމްވި މީހާގެ އަތް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ވެއެވެ. 

ފުލުހުން ބުނީ، ބުރާސްފަތި ދުވަހު 11:45 ކަންހާއިރު މި ހާދިސާ ހިނގާފައި ވަނީ، "ކުޅުދުއްފުށި ސިޓީ އެއަރޕޯޓް ފަޔަރގެ ޓްރޭނިންގގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި" ކަމަށެވެ.