ހދ. މަކުނުދޫ ބަނދަރު ސަރަޙައްދުގައި ގޭސް ސިލިންޑަރެއް ގޮވުމުގެ ސަބަބުން ހިނގި ނުރައްކާތެރި ޙާދިސާއެއްގައި، ބިދޭސީ 2 މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން މަޢުލޫމާތުދޭ ގޮތުގައި ހދ. މަކުނުދޫގައި ގޭސް ސިލިންޑަރު ގޮވައިގެން ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވެފައި ވަނީ އެރަށު އެއަރޕޯޓުގެ ބިންހިއްކުމުގެ މަސައްކތްކުރާ ކުންފުނީގެ 2 މުވައްޒަފުންނެވެ.
މަކުނުދޫ މަސްމާރުކޭޓް ކައިރީގައި އޮތް ގޭސް ސިލިންޑަރެއް ގޮވި ހާދިސާގައި ނިޔާވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެ މީހުންކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނީ، މަކުނުދޫގައި މިއަދު ހިނގި ގޭސް ސިލިންޑަރެއް ގޮވި ނުރައްކާތެރި ޙާދިސާ ތަޙުޤީޤުކުރުމަށް ފުލުހުންގެ ފޮރެންސިކް ޓީމަކާއި ތަޙުޤީޤު ޓީމެއް މިހާރު އެރަށުގައި ޚަރަކާތްތެރިވަމުންދާ ކަމަށެވެ.
މަކުނުދޫ ރައްޔިތުން މަޢުލޫމާތު ދޭގޮތުން، ގޭސް ސިލިންޑަރު ގޮވި ބާރު އަޑު މުޅި ރަށަށް ފެތުރިގެން ދިޔައިރު، އެ ހާދިސާގައި ކައިރީގައި ހުރި ޢިމާރާތްތަކަށާއި، ކައިރީގައި ހުރި އެއްގަމު އުޅަނދު ފަހަރަށާއި އަދި ފަޅުދެތެރޭގައި އަޅާފައި ހުރި ބައެއް އުޅަނދުތަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ.
މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވާފައި މިވަނީ، މިދިޔަ ބުރާސްފަތި ދުވަހު ހދ. ކުޅުދުއްފުށި ސިޓީގެ އެއަރޕޯޓުގައި ފަޔަފައިޓަރުން ގެންގުޅުނު އަލިފާން ނިއްވާ ސިލިންޑަރެއް ގޮވައި އެކަކު ނިޔާވެ އިތުރު 3 މީހަކަަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވަނިކޮށެވެ.