ދިވެހިރާއްޖޭގެ ޤައުމީ ބޭން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މޫދުއަޑީގެ ރީތިކަން ދައްކުވައިދޭގޮތަށް، އެ ބޭންކުން ބޭނުންކުރާ ކާޑުތައް ފަރުމާކޮށް ތައާރަފްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ، އަލަށް ތަޢާރަފް ކުރެވުނު ކާޑުތައް ފަރުމާ ކުރެވިފައިވަނީ ރިސައިކަލް ކުރެވިފައިވާ ޕްލާސްޓިކުގައި ކަމަށެވެ. ކާޑުތައް ހަދާފައި ވަނީ، ރީސައިކަލްޑް މެޓީރިއަލުން ކަމަށް ވުމާއެކު އެއިން، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ މަގު ތަނަވަސްވެގެންދާނޭކަން ބީއެމްއެލުން ފާހަގަކުރެއެވެ. 

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ "ރާއްޖޭގެ ގުދުރަތީ ރީތިކަން މި ކާޑުތަކުގެ ޒަރީޔާއިން ދައްކުވައިދިނުމަކީ އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ރީތި، ނަމަވެސް ނާޒުކު ވެށި ހިމާޔަތްކުރުމަށް ކަސްޓަމަރުން މެދުގައި ޒިންމާދާރު ކަމުގެ އިހުސާސް އުފެއްދުމަށް އެހީވެދޭނެ ކަމެއް" ކަމަށެވެ.

މިހިނގާ އޮކްޓޯބަރު މަހުގެ 18 އިން ފެށިގެން އަލަށް ތަޢާރަފުކުރި ކާޑުތައް ދޫކުރާނެކަމަށް ޤައުމީ ބޭންކުން ބުނެއެވެ. އެގޮތުން އަލަށް ކާޑު ހެއްދުމަށް ހުށައަޅާ ފަރާތްތަކަށާއި ކާޑު ގެއްލިގެން ނުވަތަ އެހެން ސަބަބަކާއި ގުޅިގެން ކާޑު ރިޕްލޭސްމެންޓަކަށް އެދި ހުށައަޅާ ފަރާތްތަކަށް މި އައު ޑިޒައިންތަކުގައި ފަރުމާކުރެވިފައިވާ ކާޑުތައް ލިބޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.