ޤައުމީ ބޭންކު ބީއެމްއެލްއިން ރުފިޔާ ކާޑަށް ޑޮލަރު ދޫކުރުން ހުއްޓާލަން ނިންމައި އަދި ކްރެޑިޓް ކާޑަށް ދޭ ޑޮލަރު 100އަށް ކުޑަކުރާން ނިންމައި އިއުލާން ކުރިވަގުތުގެ ފައިދާ ނަގައި ސިޔާސީ އިދިކޮޅު ފަރާތްތަކުން ބަޣާވާތެއްކޮށް ވެރިކަން ވައްޓާލަން އުޅުނުކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، "އެ ބަޣާވާތް" ހުއްޓުވީ، ބީއެމްއެލްގެ ޕްރައިވެޓް ޑިރެކްޓަރުންގެ ތެރޭގައި ހިމެނޭ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ހުސެއިން އަފީފުގެ ބޮޑު އެހީތެރިކަމެއް ލިބިގެންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ޕީއެންސީގެ ރަސްމީ ޖަގަހައިގައި އެ ޕާޓިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޤައުމީ ބޭންކުގެ އެ ނިންމުން ބާތިލްކުރުމަށް ސަރުކާރުން ކުރި މަސައްކަތުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބުނު ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެންމެ ނުފޫޒުގަދަ ދެ ވިޔަފާރިވެރީންކަމަށްވާ "ޗަމްޕާ ބްރަދަރސް"ގެ ދެބޭންގެ ނަން ރައީސް ފާހަގަކުރެއްވިއެވެ.

"ޕްރައިވެޓް ޑިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އާއި ޙުސެއިން އަފީފް ވަރަށް ބޮޑަށް އެހީތެރިކަން ދެއްވި،" ކަމަށް ރައީ ވިދާޅުވިއެވެ. އަދި ބީއެމްއެލްގެ ނިންމުން ބާޠިލްކުރީ ކެބިނެޓުން އެދުވަހު ކުރި ބުރަ މަސައްކަތާއެކު "އެބޭފުޅުންގެ ސަޕޯޓާއި އަޅުގަނޑުމެންގެ ޑިރެކްޓަރުންގެ ސަޕޯޓާ އެކީގައި ދެން އެ ކުރެވުނު މަސައްކަތުން" ކަން ރައީސް ފާހަގަކުރެއްވިއެވެ. 

ހޯމަ ދުވަހުގެ ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، "ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުނެއް ނިންމި ވަގުތަކާ ދިމާކޮށް" ސިޔާސީ ފަރާތްތަކުން ސަރުކާރު ވައްޓާލަން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށްފައެވެ.

އެގޮތުން ސިޔާސީ ފަރާތްތަކުން، "ސަރުކާރުގެ މާލީ ހާލަތާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ހަމަ އެވަގުތު ސޯޝަލް މީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓު ބޭނުންކޮށް، ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނިކުތުމަށާއި، ޢާންމު ހަމަޖެހުން ނަގާލުމަށް ގޮވައި، ޤައުމުގެ މަސްލަހަތު ނަގާލުމަށް ގޮވައި،" އެކަމަށް ހިތްވަރުދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.