ރީތި ނަލަ މޫދާއި، ދޮންވެލީގެ ތުނޑިތަކާއި ހިތްގައިމު ގޮނޑުދޮށްތަކާއެކު ކުރިއަރާފައިވާ، ދުނިޔެ މަތީގެ ސުވަރުގެއެއް ފަދަ މަންޒިލެއް، މިއީ ދުނިޔޭގައި ދިވެހިރާއްޖެ ސިފަކޮށްދީފައިވާ ގޮތެވެ. ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ "ރަންބިސްއަޅާ ކުކުޅު"އެވެ. ސީދާ ޑޮލަރުޖަހާ މެޝިނެއް ފަދަ ސިނާޢަތެކެވެ. ނަމަވެސް ބައި މިލިއަން ހަމަ ނުވާ މި ކުޑަކުޑަ އާބާދީގެ ރައްޔިތުންނަށް އަބަދުހެން އުޅެން ޖެހެނީ ޑޮލަރުގެ މުސީބާތުން އަރައި ނުގަނެވިގެންނެވެ.

ޑޮލަރުގެ މައްސަލައިގައި މުޅި ގައުމު މިވަނީ، އިގްތިސާދީ ގޮތުން ބޮޑު ގޮންޖެހުމެއްގެ ތެރެއަށް ވެއްޓިފައެވެ. އެންމެ ފަހުން، ގައުމުގެ ޔޫޒަބަލް ރިޒާވްގައި ޑޮލަރުގެ ދަތިކަން އިންތިހާއަށް ގޮސް، މާލީ އިދާރާތަކުން އަޅަން ނިންމި ބައެއް ފިޔަވަޅުތަކުގެ ސަބަބުން މީސް މީޑިއާ ހޫނުވެ، "މާލީ ބަޣާވާތެއް"ގެ ވާހަކަ ވެސް ފެންމަތިވެއްޖެއެވެ. ރައްޔިތުންގެ ކެކި އަރަމުންދިޔަ ޖަޒުބާތު މައިތިރިކޮށް، މަސްރަޙު ފިނިކުރުމަށް ސަރުކާރަށް ފިޔަވަޅުތަކެއް އަޅަން ވަނީ މަޖުބޫރުވެފައެވެ.

އެހެންކަމުން މި ލިޔުމުގައި، ދިވެހީން ތަޙައްމަލުކުރަމުން މިދާ "ޑޮލަރުގެ މުސީބާތުން" މިންޖުވުމާއި، ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމުގެ ގޮތުން ކުރެވިދާނެ ކަމަށް ފެންނަ ބައެއް ހައްލުތަކާއި އެކަމަށްޓަކައި އެޅިދާނެ ބައެއް ހަރުދަނާ ފިޔަވަޅުތަކަށް އަލިއަޅުވައިލާނަމެވެ. ލިޔުން އެކުލަވާލާފައި މިވަނީ، އިޤްޠިޞާދީ ދާއިރާގެ ތަޖްރިބާ ހުރި ފަރާތްތަކާއި، އަދި މިހާރުވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި، އަދި އިޤްތިޞާދީ ކަންކަމުގައި ހަރަކާތްތެރި ވަމުން އަންނަ ފަރާތްތަކުގެ ޚިޔާލާއި ތަޖްރިބާ ވެސް ހިމަނައިގެންނެވެ.

މައްސަލަ ދެނެގަތުން:

މިފަހަކަށް އައިސް "ރާއްޖޭގައި ޑޮލަރު ހުސްވަނީ" ކަމަށް ބުނެ މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޓްރެންޑްވަމުން އަންނަ ވާހަކަތަކަކީ ކަންބޮޑުވާ ދަރަޖައިގެ ވާހަކަތަކެކެވެ. މީގެ އިތުރުން އިޤްތިޞާދީ ގޮތުން ދަތި ދުވަސްވަރެއްގައި، އިންތިހާއަށް ބޮޑު ބޭރުގެ ދަރަނިތައް ދެއްކުމާއި، ޑްރޯން ގަތުން ފަދަ ޚަރަދުތައް ސަރުކާރުން ކުރަން ޖެހުން ވެގެންދިޔައީ "ރިހޭފައިމައްޗަށް ފޮއިވެއްޓުން" ފަދަ ކަމަކަށެވެ. މިފަދަ މުޢާމަލާތްތަކަށް ގިނަ ޢަދަދެއްގެ ޑޮލަރު ގައުމުން ބޭރުކުރާން ޖެހުމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވީއެވެ. މީގެ ސަބަބުން ހަމަ އެކަނި ޑޮލަރުގެ "ނެގެޓިވް ބެލެންސެއް" އުފެދުނީކީ ނޫނެވެ. އަދި ކިއެއްތަ، ބޭރުގައި ކިޔަވާންތިބި ދަރިވަރުންނާއި އަދި ކުދި މެދުފަންތީގެ ވިޔަފާރިކުރާ ފަރާތްތަކާއި ޢާންމުންނަށް ދެން ޑޮލަރުގެ މުޢާމަލާތްތައް ކުރެވިދާނެ ކަމާމެދުވެސް ޝައްކު އުފެދި މުޅި ގައުމު ބޮޑު ހާސްކަމެއްގެ ތެރެއަށް ދިޔައީއެވެ.

 

މައްސަލަ ޙައްލުކުރުމަށް ކުރެވިދާނޭ ބައެއް ކަންކަން:

ދިވެހިފައިސާއަށް ބަރޯސާކުރުވުން:

މުސާރައާއި އުޖޫރަތައް ދޭންވީ ރުފިޔާއިން:

  • ދިވެހިރާއްޖެއަކީ ބިދޭސީ މަސައްކަތްތެރީން އިންތިހާއަށް ގިނަ ގައުމެކެވެ. އޭގެ ސަބަބުން، ކޮންމެ މަހަކުހެން އެތައް މިލިއަން ޑޮލަރު ގައުމުން ބޭރުވެގެން ދެއެވެ. އެހެންކަމުން، މި ސަގާފަތް ބަދަލުކުރާން ޖެހެއެވެ. ހުރިހާ މުސާރައަކާއި އުޖޫރައެއް ދޭންވީ ދިވެހި ރުފިޔާއިންނެވެ. މީގެ ސަބަބުން ގައުމުގެ އިޤްތިޞާދުގެ ތެރޭގައި ޑޮލަރު ބޭނުންވާ މިންވަރު ކުޑަވެ، އަހަރެމެންގެ އަމިއްލަ ފައިސާ އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ހުރިހާ ޑޮލަރެއް ފުރަތަމަ ޖަމާކުރާންވީ ރާއްޖޭގެ ބޭންކަކަށް:

  • ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި އަދި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން ހޯދާ ޑޮލަރު އާމްދަނީގެ މަދުވެގެން 80 އިންސައްތަ ފުރަތަމަވެސް ޖަމާކުރާންވީ ދިވެހިރާއްޖޭގައި ހުންނަ ބޭންކަކަށެވެ. މިއީ ޤާނޫނަށް ވަގުތުން ބަދަލުގެނެސްގެންވެސް ކުރާން ޖެހޭ ކަމެކެވެ. މީގެ ސަބަބުން، ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ބޭރު ފައިސާ ނުވަތަ ޑޮލަރު ހިފެހެއްޓޭނެއެވެ.

ޤާނޫނުތަކާއި ޤަވާއިދުތަކަށް ބަދަލު ގެނައުން:

  • އެންމެ ފުރަތަމަވެސް ކުރާންވީ ކަމަކީ މިއީއެވެ. ގާނޫނުތަކާއި ގަވާއިދުތަކަށް، ސަރުކާރުން މިހާރުން މިހާރަށް ބަދަލު ގެންނަން ޖެހެއެވެ. އޭގެ ތެރޭގައި ބޭންކިންގެ ގާނޫނުތައް އަދާހަމަ ކުރުމާއި، ފޮރިން އެކްސްޗޭންޖް ހަމަމަގަށް އެޅުވުމާއި، ރުފިޔާ ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން ޓެކްސް ގާނޫނުތައް އިސްލާހުކުރުން ހިމެނެއެވެ.

ކުދި ވިޔަފާރިތަކަށް އެހީވުން:

  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭ މިންވަރު އިތުރުކޮށް، ދެފުށްފެންނަ، ހަރުދަނާ ސިޔާސަތުތަކެއް އެކުލަވައިލާން ޖެހެއެވެ. މީގެ ސަބަބުން، ގައުމުގެ އިޤްތިޞާދު ކުރިއެރުމަށް މަގުފަހިވެ، ވިޔަފާރިތަކާއި ވިޔަފާރިވެރީންގެ ކޮންމެ ދުވަހެއްގެ އޮޕަރޭޝަންތަކަށް ބޭރު ފައިސާ ބޭނުންވާ މިންވަރު ކުޑަކުރުމަށް މަގުފަހިވެގެން ދާނެއެވެ.

އިތުރަށް ކުރެވިދާނޭ ބައެއް ކަންކަން:

 

ބޭރުގައި ކިޔަވާ ދަރިވަރުންގެ ބޭނުންތައް ބެލެހެއްޓުން:

  • ބޭރުގައި ކިޔަވާ ދަރިވަރުންނަކީ، ގައުމުގެ އިޤްތިޞާދުގައި މުޙިއްމު ދައުރެއް އަދާކުރާނޭ ބައެކެވެ. އެހެންކަމުން، މި ދެންނެވި ދަރިވަރުންގެ ކަންކަން ޚާއްސަ ނިޒާމެއްގެ ތެރޭގައި އޮމާންކަމާއެކު ބަލަހައްޓާން ޖެހެއެވެ. އެގޮތުން، އެތެރޭގެ ބޭންކުތައް ނުވަތަ މަރުކަޒީ ބޭންކް މެދުވެރިކޮށް ނަމަވެސް، ބޭރުގައި ކިޔަވާންތިބޭ ދަރިވަރުންނަށް ބޭރު ފައިސާ ބޭނުންވާ މިންވަރު، ކަށަވަރު ކުރެވޭނޭ އަދި އެ ބޭނުންތައް ފުއްދައިދޭނޭ ހަރުދަނާ ނިޒާމެއް ގާއިމު ކުރެވިދާނެއެވެ. މީގެ ސަބަބުން ޑޮލަރަށް އޮންނަ ޑިމާންޑު ހަމައަކަށް އެޅި، ގަވައިދާ ހިލާފަށް ކުރާ ޑޮލަރުގެ މުއާމަލާތްތައް މަދުވެގެންދާނެއެވެ.

ޞިއްޙީ ޚިދްމަތް ރަނގަޅުކުރުން:

  • މިއީ ތާއަބަދު ރައްޔިތުން ދައްކާ ވާހަކައެވެ. ކުޑަކުޑަ އޮޕަރޭޝަނެއް ކޮށްލާންވެސް އަދިވެސް، ޤައުމުން ބޭރަށް ދިއުމަށް މަޖުބޫރުވާ ހާލަތު އެބަ އާދެއެވެ. ބައެއް ފަހަރު ޚިދުމަތް ދެވެން ނެތަތީއެވެ. އަނެއްބައި ފަހަރު ދޭ ޚިދުމަތާ މެދު އިތުބާރު ނުކުރެވެނީއެވެ. އެހެންކަމުން ސަރުކާރާއި ރައްޔިތުން ގުޅިގެން، އާ ހިތްވަރަކާއެކު ރާއްޖޭގައި ދެވޭ ޞިއްޙީ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅުކުރާން އެބަޖެހެވެ. އޭގެ ސަބަބުން ރާއްޖެއިން ބޭރުގައި ބޭސްފަރުވާއަށް މިހާރު ޚަރަދުކުރާ އެތައް މިލިއަން ޑޮލަރެއް ސަލާމަތްވެ، ބޭރު ފައިސާ ބޭރުވާ މިންވަރު ވަގުތުން މަދުކުރެވިގެން ދާނެއެވެ.

އިޤްތިޞާދު ފުޅާކުރުން:

  • ފަތުރުވެރިކަމުގެ ސިނާޢަތް ވަރަށް މުޙިއްމެވެ. ނަމަވެސް އަބަދު ފަތުރުވެރިކަމަށް ބަރޯސާވެގެން ތިބެވޭކަށް ނެތެއް ނޫންހެއްޔެވެ. ދުނިޔޭގެ ކޮންމެ ބައްރެއްގައި ހަމަނުޖެހުމެއް ހިނގިޔަސް، ނުވަތަ ނުރައްކާ ބަލިމަޑުކަމެއް ފެތުރުނަސް، އޭގެ ނޭދެވޭ އަސަރު އަހަރެމެންގެ އިޤްތިސާދަށް އެބަ ކުރިމަތިވޭ ވިއްޔާއެވެ. އެއީ އަބަދު ފަތުރުވެރިކަމުން ޑޮލަރު ހޯދަން އިޤްތިޞާދު ބައްޓަންކޮށްފައި ވާތީއެވެ. އެހެންކަމުން، ޑޮލަރު ވަންނާނޭ އެހެނިހެން ގޮތްގޮތްވެސް ހޯދާން އެބަ ޖެހޭ ނޫންހެއްޔެވެ. މިއީކީ އުނދަގޫކަމެއްވެސް ނުމެ ނޫންމެއެވެ. ނިޔަތް ރަނގަޅުކޮށް، ތިމާމެންގެ ޖީބަށް ބޮޑުކުރުމުގެ ބަދަލުގައި ގައުމާއި ރައްޔިތުންގެ ޙައްގުގައި ހަރުދަނާ ނިންމުންތަކެއް މިހާރުވެސް ނިންމަންވީއެވެ.

  • ދިވެހިރާއްޖެ މި ހިމެނެނީ ދުނިޔޭގެ އިޤްތިޞާދު ޝާމިލުވާ މުޙިއްމު ސަރަހައްދެއްގައެވެ. އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ އެންމެ މުޙިއްމު ހިސާބުގައެވެ. އެހެންކަމުން ރާއްޖޭގެ މިހާރުވެސް، ރާއްޖޭގެ ތިން ސަރަހައްދެއް (މިސާލަކަށް: އެންމެ އުތުރު، އެންމެ ދެކުނު އަދި ހައްދުންމަތި)ގައި، ބަންކަރިން ވަސީލަތްތަކާއެކު ބައިނަލްއަގްވާމީ ބަނދަރުތައް ގާއިމުކުރާންވީއެވެ. މިފަދަ އާ ސިނާއަތްތައް ހޯދުމުން، ގިނަ ޢަދަދެއްގެ ބޭރުފައިސާ ލިބި، އަހަރެމެންގެ އިގްތިސާދު ޓޫރިޒަމަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެއެވެ.

  • ބަނދަރުގެ އިތުރުން އައިޓީ، އިއާދަކުރަނިވި ހަކަތަ ނުވަތަ މެރިން ބަޔޯޓެކްނޮލޮޖީ ފަދަ ސިނާއަތްތަކަށް ހިތްވަރުދީ މިފަދަ ވަސީލަތްތައް ތަރައްގީ ކުރުމަކީ ވެސް އިޤްތިޞާދަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް ކުރެވިދާނޭ ކަންކަމެވެ.

ޑޮލަރުގެ މައްސަލައަކީ ދިވެހީންނަށް ކުރިމަތިވެފައިވާ މުސީބާތެއް. މައްސަލަ ހައްލުކުރާން ހުރި ގޮންޖެހުންތައް ގިނަ--

 

އިޤްތިޞާދު ކުރިއެރުމާއި ގޮންޖެހުންތައް:

  • ސަރުކާރުން އަޅާ ފިޔަވަޅުތައް: ދާދި ފަހުން ސަރުކާރުން ވަނީ، އަވައްޓެރި ގައުމުތަކަށް ގަވައިދާ ހިލާފަށް ފައިސާ ބޭރުކުރުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅައިފައެވެ. މިއީ އަވައްޓެރި ގައުމުތަކާއި އަދި އެހެން ގައުމުތަކުގައިވެސް ކުރަމުން އަންނަ ކަމެކެވެ. މިކަމުން ދޭހަވަނީ ހަރުކަށި ކޮށް މިފަދަ އުސޫލުތައް ތަންފީޒުކުރުމަކީ ސަރަހައްދީ ގޮތުން ވެސް ކުރަމުން އަންނަ ކަމެއް ކަމެވެ. އަދި ރާއްޖޭގައި ވެސް އެފަދަ ސިޔާސަތުތަކެއް ގާއިމުކޮށް، ހަރުދަނާ އުސޫލުތަކެއްގެ ތެރޭން ތަންފީޒުކުރެވޭ ނަމަ، އޭގެ ފައިދާ ލިބޭނޭކަމެވެ.

  • އާންމުންގެ ޚިޔާލާއި އިޙްސާސްތައް: ގޯޅިގޯޅީ ކަންމައްޗާއި، ސައި ހޮޓާތަކާއި، ހޮޅުއަށިތަކުގައިވެސް އިޤްތިސާދީ ބަހުސުތައް ފޯރިއާއެކު ދާކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ޑޮލަރުގެ ވާހަކައަކީ ގިނަބަޔަކު ޝައުގުވެރިވާ ވާހަކައެއްކަން ޔަގީނެވެ. ސިޔާސީ މަސްރަޙުންވެސް މީގެ ބާރު ފެނިގެން އެބަ ދޭ ނޫން ހެއްޔެވެ. ސަރުކާރުގެ މާލީ ނިންމުންތަކާއި، އާންމު ދިރިއުޅުމަށް އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ޚާއްޞަކޮށް ބޭރު ފައިސާއަށް ބަރޯސާ ވާފަރާތްތަކުގެ މެދުގައި މިކަމުގައި ފެނިގެންދަނީ، ގިނަބައެއްގެ އިހުސާސްތައް މަސްހުނިވެފައިވާ ތަނެވެ. އެހެންކަމުން، ސަރުކާރުން އަޅާ ކުޑަ ފިޔަވަޅެއްވެސް އަޅާން ޖެހޭނީ ނިކަން ވިސްނާފައެވެ. މަދުބައެއްގެ މަންފާއަށްވުރެ ރައްޔިތުންނާ ޤައުމުގެ މަންފާއަށް ބަލައިފައެވެ.

ދުނިޔޭގެ ހަލަބޮލި އިޤްތިޞާދީ ބިޔަ މައިދާނުގައި ކުރިއަށް ދިއުމަށް ނުވަތަ ފައިހަރުކޮށްލުމަށް، އަހަރެމެން މިތިބީ، އޮޅުންބޮޅުން ބޮޑު، އަދި ނާޒުކު ހާލަތެއްގައެވެ. އެހެންކަމުން މި ނާޒުކު ދަނޑިވަޅުގައި، އިޤްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން އަހަރެމެންގެ ގައުމުގެ ކުރިއެރުމާއި، އަދި އޭގެ ނޭދެވޭ އަސަރުތައްވެސް ދެނެގަނެވޭނެ ފުރިހަމަ ނިޒާމުތަކެއް ގާއިމުކުރުން ވަރަށް މުޙިއްމެވެ.

މަތީގައި ބަޔާކުރެވުނީ، ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައާއި އަދި އިޤްޠިޞާދު ހަރުދަނާކުރުމަށްވެސް އެޅިދާނޭ މުޙިއްމު ފިޔަވަޅުތަކެއްގެ ވާހަކައެވެ. ރާއްޖެއަށް ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް، އުސޫލުތަކާއި ޤަވާޢިދުތައް ފުރިހަމަށް ތަންފީޒުކޮށް، އިޤްޠިޞާދު ތަފާތު ސިނާޢަތްތަކަށް ހުޅުވާލައި ފުޅާކުރާން ޖެއެހެވެ. ރައްޔިތުން މިކަންކަމަށް ހޭލުންތެރި ކުރުވައި، މިކަންކަމުގައި ޝާމިލުކުރުވާންވެސް ޖެހެއެވެ.

ހަމަ އެއާއެކު މިކަންކަން ތަންފީޒު ކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތާއި ސަރުކާރުގެ ނިޔަތް ވަރަށް މުހިންމު ވާނެއެވެ. އަދި މިކަންކަމުގައި އާންމުންގެ އެއްބާރުލުންވެސް އެހާމެ މުޙިއްމުވާނެއެވެ. ކުރިމަތީގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މަތީގައި ބަޔާންކޮށްފައިވާ ހައްލުތައް، އަމާނާތްތެރިކަމާއި ދުރުވިސްނުމާއެކު ކުރިއަށް ގެންދެވިއްޖެނަމަ، އިޤްތިޞާދު ހަމައަކަށް އެޅުމުގެ ފުރުސަތު ބޮޑެވެ. އެހެނަސް މިއީ ގަޓުހުރެގެން ކުރެވޭނޭ ކަންކަމެވެ.