ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން ގްރޭޓާރ މާލެ އާއްމު ފެރީ ދަތުރުފަތުރުގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މި ޚިދުމަތް، އާރްޓީއެލް ޓްރެވެލް އެޕް އަދި ވެބްސައިޓް ޕްލެޓްފޯމަށް ބަދަލުކޮށްފިއެވެ. 

އެމްޓީސީސީން ބުނީ، މާލެ – ވިލިމާލެ، މާލެ - ތިލަފުށި، މާލެ - ގުޅީފަޅު އަދި މާލެ - ހުޅުމާލެ ފެރީ ޚިދުމަތުގެ ޓިކެޓިންގ ނިޒާމް އާރްޓީއެލް ޓްރެވެލް އެޕް އަދި ވެބްސައިޓް ޕްލެޓްފޯމަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އާރްޓީއެލް ގްރޭޓަރ މާލެ ސަރަޙައްދުގެ ފެރީ ޚިދުމަތަށް 3 ގޮތަކަށް މިހާރު ފައިސާދެއްކޭނޭ ކަމަށެވެ.

އެއީ އާރްޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިޔުއާރް ޓިކެޓް މެދުވެރިކޮށާއި، ގްރޭޓަރ މާލޭ ފެރީ ޓަރމިނަލްތަކުގެ ޓިކެޓް ކައުންޓަރުތަކުން ކަރުދާސް ކިޔުއާރް ޓިކެޓުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި އެހެނިހެން ބޭންކުތަކުން ދޫކޮށްފައިވާ ކޮންކްޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޓް ކާޑު، އަދި މާސްޓަރ ކާޑު ނުވަތަ ވިސާ ކާޑު ޓަރމިނަލްތަކުގައި ހަރުކޮށްފައިވާ ވެލިޑޭޓަރުގައި ޓެޕްކޮށްގެންނެވެ.

ކިޔުއާރް ޓިކެޓް ސްކޭން ކުރުމަށްޓަކައި ފެރީއަށް އެރުމަށްފަހު، ޓިކެޓް ވެލިޑޭޓްކުރުމަށް ކަނޑައެޅިފައިވާ މެޝިންއާއި ދިމާކުރުމަށްފަހު ސްކޭންކޮށްލަން ޖެހޭނެއެވެ. އާރްޓީއެލް ޓްރެވަލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް އެއްފަހަރާ އެންމެ ގިނަވެގެން ނެގޭނީ 10 ޓިކެޓެވެ. އަދި އެންމެ ދަތުރަކަށް ނަގާ ކިޔުއާރް ޓިކެޓް ސިންގަލް ޖަރނީ ބޭނުންކުރެވޭނީ 7 ދުވަހުގެ މުއްދަތަށެވެ.

މަލްޓިޕަލް ޖަރނީ ޓިކެޓް ވިލިމާލެ އަދި ތިލަފުއްޓަށް ޚާއްސަ ބައްލަވައިގަންނަވާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ. އަދި ގްރޭޓަރ މާލޭ ސަރަޙައްދުގެ ކިޔުއާރް ޓިކެޓް ބޭނުން ކުރެވޭނީ އެ ޓިކެޓު ގަންނަ ރޫޓަށް އެކަންޏެވެ.