މާލޭ ސިޓީ ކައުންސިލްގެ ހުއްދައާއެކު ހ. ހުދުފިނިފެންމާގެ ހުންނަ ގޯޅިތެރޭގައި، ގޭގެ މީހުންނަށް ވަދެ ނުކުމެ ނޫޅެވޭ ގޮތަށް، އެ ގޯޅީގައި ހުރި އެހެން ގެއެއްގެ ބަޔަކު ފާރެއް ރޭނުމުން، ހުދުފިނިފެންމާގޭ މީހުން ގޭތެރެގައި ތާށިވުމުން، އެގޭ ފާރު ތަޅާލަން ކައުންސިލުން ނިންމި މައްސަލައިގައި ސިވިލް ކޯޓުން ކައުންސިލާ ދެކޮޅަށް އަމުރެއް ނެރެފިއެވެ. 

ހުދުފިނިފެންމާގޭގެ ވެރިޔާ، ހަސަން ޝާކިރު އެ މައްސަލައިގައި މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ކުރި ދައުވާގައި ވަނީ، އެގޮތަށް ފާރެއް ރޭނުމުން، ހުދުފިނިފެންމާގެއާ އިންވެގެން ހުރި ގޭގައި ތިބި މީހުން ވަދެ ނުކުމެވޭނެ ގޮތެއް ނޯންނާނެކަން އެނގި ތިބެ ހުދުފިނިފެންމާގެއާގޭގެ މީހުންނަށް ގޯޅީގައި ފާރެއް ރޭނުމުގެ ހުއްދަ ދިނުމަށް ފަހު، ހުދުފިނިފެންމާގޭގެ ފާރެއް ތަޅާލަން ކައުންސިލުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މީގެ އިތުރުން ޝާކިރު ވަނީ، އެ މައްސަލަ ނިމެންދެން، ކުރިން އޮތްގޮތަށް އެތަން ބޭއްވުމުގެ އަމުރަކަށް ވެސް އެދިފައެވެ.

އެ މައްސަލައިގައި އާދީއްތަ ދުވަހު ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ، ހުދުފިނިފެންމާގޭ ވެރިފަރާތުން އެދިފައިވާ ގޮތަށް،  އެ މައްސަލަ ނިމެންދެން، ފާރު ރޭނުމުގެ ކުރިން ހާލަތު އޮތްގޮތް ދެމެހެއްޓުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެހެންކަމުން، ހުދުފިނިފެންމާގެއާ އިންވެގެން ހުރި ގޭގެ މީހުން، ކުރިން ވަދެ ނުކުމެ ހަދަމުންދިޔަ ގޮތަށް، ގޯޅި ތެރެއިން އެކަން ކުރެވޭނެ އިންތިޒާމެއް 48 ގަޑިއިރުގެ ތެރޭގައި ހަމަޖެއްސުމަށާއި، ހުދުފިނިފެންމާގޭ ފާރު ތަޅާލުމުގެ ކުރިން އެތަން އޮތް ހާލަތުގައި ބޭއްވުމަށާއި، އަދި އެތަނުން ކައުންސިލް މުވައްޒަފުން ނުކުތުމަށާއި، އެ މައްސަލަ ނިމެންދެން އެ އިމާރާތާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅަން ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.