ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ލެވެލް ތިނަކަށް ބަދަލުކޮށް، ހާއްސަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް އެ ޚިދުމަތުން ބުނެފިއެވެ.  

ފުލުހުން ބުނީ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި  ފުލުހުންގެ ޓީމުތައް ޚަރަކާތްތެރިވަމުން ދާކަމަށެވެ.

ފުލުހުން މިއަދު ހިންގި ބައެއް އޮޕަރޭޝަންތައް:

  • މާލޭގެ 55 ތަނެއްގައި ވެލި ބަސްތާ ޖެހުން. 
  • ފަސް ތަނަކުން ފެން ހިއްކުން، އަދި ފެން ހިންދާ ޕަންޕު ފަސް ތަނެެއްގައި ޖެހުމަށް އެހީތެރިވުން.
  • ފާހާނާ ޖަންކްޝަނުން ފެން ބޭރުވާތީ ދެތަނަކަށް އެހީތެރިވެ ދިނުން،
  • އެއްގަމު ދަތުރުފަތުރުގެ އެހީތެރިކަން ދެފަރާތަކަށް ފޯރުކޮށްދިނުން.
  • ހުޅުމާލެ މުޙައްމަދު ގާސިމް ޕްރީ ސްކޫލަށް ފެންވަންނާތީ ވެލިބަސްތާ ޖެހުން.
  • ނެއިބަހުޑް އޮފިސަރުން ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކުރުން.
ވަޒީރާއި ފުލުހުންގެ އިސްބޭފުޅުން އޮޕަރޭޝަން ސެންޓަރުގައި -- ފޮޓޯ: ފުލުހުން

 

އަދި މީގެ އިތުރުން، ހދ. ނެއްލައިދޫ، ކުޅުދުއްފުށި، ނޮޅިވަރަމް، ނޮޅިވަރަންފަރު، ދިއްދޫ، ތުރާކުނު އަދި އުލިގަމު ބައެއް ގޭގެއަށް ފެންވަދެފައިވާތީ އާއި މަގުތަކުގައި ފެންބޮޑުވެފައިވާތީ ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި އިހަވަންދޫގެ 40 ގެ އާއި ކެލާ 22 ގޭގެ އިތުރުން ބާރަށު 55 ގެއަކަށް ފެނުގެ އަސަރުކޮށްގެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އަދި ހަމަ އެހެންމެ ދ. ހުޅުދެލި އަދި މ. މުލަކުގައި ފެންބޮޑުވެފައިވާތީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އައްޑޫ ސިޓީ ހުޅުމީދޫ ގެއަކަށް ފެންވަދެފައިވާތީ، އަދި އައްޑޫ ސިޓީ ގަމު ގެއެއްގެ ފުރާޅު އެއްލައިލުމާއި ގެއެއްގެ ފުރާޅަށް ބަނބުކެޔޮ ގަހެއް ވެއްޓިފައިވާތީ ވެސް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ ޚިދުމަތުން ބުނެއެވެ.