މާލެ ސަރަޙައްދުގައި ވަޒަންވެރިވެ އުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ގެނައުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ޢިމާރާތްކުރާން ފެށި، 4،000 ފްލެޓް ދިނުމަށް އޭރުގެ ސަރުކާރުން އެކުލަވާލައި ގެޒެޓްކޮށްފައިވާ 4،000 ފްލެޓުވެރީންގެ ލިސްޓު ބާތިލުކޮށް، އަލުން ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށައިފިއެވެ.

ކުރީގެ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓު ބާޠިލްކުރަން މިސަރުކާރުން ނިންމީ، އެ ލިސްޓުގައި ފްލެޓް ލިބުނު ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ ބައެއް ކަމަށް، ވަކި ދުވަސްވަރެއްގައި ވަކި ކަންތައްތަކެއްގައި ޙަރަކާތްތެރިކަމަށް ރައްޔިތުން ތުޙުމަތުކުރާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ގެދޮރުވެރިކަމާއި، ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ، މިނިސްޓަރެއްގެ ހައިސިއްޔަތުން މިހާރު ބޯހިޔާވަހިކަމުގެ ކަންތައްތަކުގައި ޒިންމާ އަދާކުރަން ޖެހެނީ އެމަނިކުފާނު ކަމަށާއި، ހުރިހާ ފޯމްތަކެއް މުރާޖާކޮށްގެން ނޫނީ ފްލެޓުތައް ދެވެނީ ހައްގުވެރި ފަރާތްތަކަކަށް ކަމެއް ކަނޑައެއް ނޭޅޭނެ ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ބައެއް ކަންކަން:

  • އޭސީސީން ކަނޑައަޅާފައިވާ ލިސްޓަކީ ފައިނަލް ލިސްޓެއް ނޫން.
  • ފްލެޓަށް އެދި ހުށަހެޅި ހުރިހާ ފޯމްތަކެއް މުރާޖާ ކުރުމުގެ މަސައްކަތް ފަށައިފި.
  • ފައިނަލް ލިސްޓަކީ މިނިސްޓްރީން މުރާޖާކޮށްފައި ނެރޭ ލިސްޓު ކަމުގައި ވާންޖެހޭނެ.
  • 4،000ފްލެޓް އިމާރާތްކޮށް ނިމޭނީ އަންނަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް.

ބޯހިޔާވަހިކަމަކީ ދިވެހީންގެ ތެރޭގައި ޙައްލުނުވެ އޮތް އެންމެ ބޮޑު ޢިޖްތިމާޢީ މުޞީބާތަށް ވެފައި ވާއިރު، ޢާންމުގޮތެއްގައި ކޮންމެ ފަހަރަކުވެސް ސަރުކާރު ބަދަލުވުމުން، ދެން އަންނަ ސަރުކާރަކުން، "ކުރީ ސަރުކާރުން ބުނި އެތި ކެންސަލް" ކުރުން މިހާރު ވަނީ ޢާންމު ކަމަކަށް ވެފައެވެ. އެގޮތުން، ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން ޢިމާރާތްކުރި ހިޔާ ފްލެޓްތައް ދިނުމުގައި ކުރީގެ ރައީސް އިބްރާހީމުގެ ސަރުކާރުންވެސް ޢަމަލުކޮށްފައި ވަނީ މި ބީދައިންނެވެ. ހަމަ އެގޮތަށް ރައީސް އިބްރާހީމްގެ ސަރުކާރުން އެކުލަވައިލި ލިސްޓަށް ފްލެޓް ނުދޭން އަދުގެ ސަރުކާރުން މިވަނީ ނިންމައިފައެވެ.

"އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި، މިނިސްޓަރެއްގެ ހައިސިއްޔަތުން، ބޯހިޔާވަހިކަމުގެ ކަންތައްތަކުގައި ޒިންމާ އަދާކުރަން ޖެހެނީ އަޅުގަނޑު،" 

-- ގެދޮރުވެރިކަމާއި، ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑ. ޢަލީ ހައިދަރު.

ފަހި ދިރިއުޅުން ކޯޕަރޭޝަނާ ޙަވާލުކޮށްގެން، ރައީސް އިބްރާހީމްގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ފެށި ފްލެޓުތަކަށް 20،697 މީހަކު ފޯމު ހުށަހެޅިއެވެ. އެއީ ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމަކާއި ދެ ކޮޓަރީގެ ފްލެޓަށް އެދި 6،208 ފޯމެވެ.