ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރާގައި، މިއަދު ވެރިރަށް މާލޭގެ ބައެއް ސަރަޙައްދު ތަކުގައި ފެންބޮޑުވެ، 183 ގެއަކަށް ފެން ވަދެފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ބުނެފިއެވެ. 

"183 ގެއަކަށް ފެން ވަދެފައިވާކަމުގެ ރިޕޯޓް ލިބިފައިވާއިރު، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރަމުންދާ މަސައްކަތުގައި، މާލޭ ސިޓީގެ ގިނަ މުއައްސަސާތަކެއް ދަނީ ހަރަކާތްތެރިވަމުން."

-- އެމްއެންޑީއެފް

ޤައުމީ ދިފާޢި ބާރުން ބުނީ، ވާރޭ ވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަންނަމުންދާތީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ވަނީ މިހާތަނަށް 48 ގެއެއްގައި 136 ވެލި ބަސްތާ ޖަހައިދީފައި ވާ ކަމަށެވެ. 

މިއަދު ބޯކޮށް ވާރޭ ވެހި މާލޭގައި ފެން ބޮޑުވެފައިވާ 10 ސަރަހައްދެއްގައި ފެން ހިންދުމަށް ޤައުމީ ދިފާޢީ ބާރުން ހަރަކާތްތެރިވެފައި ވެއެވެ.