މާލޭ ރަށްވެހީންގެ ދަފްތަރުގައި މިވަގުތު ތިބި ރައްޔިތުންނަކީ އެއިރެއްގައި އޮންނަ ސަރުކާރަކާއި، އިލެކްޝަންސް ކޮމިޝަން ގުޅިގެން، ވަކި މީހަކު އިންތިޚާބުކުރާން ބޭނުންވީމާ މާލޭގެ އެ ދާއިރާއަކަށް، ފުޓުނި އަޅައިލާ ގޮތަށް ނުވަތަ ފުޅިމަދު އުނގުރި ޖަހައިލާ ގޮތަށް ބޭނުންކުރާ ބައެއް ކަމަށާއި، އޭގެ ބަދަލުގައި އެ ރައްޔިތުން މަޖިލީހުގައި ތަމްޘީލުކުރުމަށް ޚާއްސަ ގޮނޑިތަކެއް ރައްޔިތުންގެ މަޖިލީހަށް ކަނޑައަޅާން ޖެހޭކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފަހެއްޓުމާ ގުޅޭ ގޮތުން "ދަ ޑިމޮކްރެޓްސް"ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވާހަކަދައްކާން ލިބިވަޑައިގެންނެވި ފުރުސަތުގައެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ހިންގި ޤާނޫނުއަސާސީއާ ޚިލާފު ބިންވެރިޔާ ސްކީމުންވެސް ދަފްތަރު މީހުންގެ ޙައްގުތައް ނިގުޅައިގަނެ، ދަފްތަރު މީހުންނާމެދު އަދުގެ ސަރުކާރުން ވަރަށް ބޮޑަށް ތަފާތުކުރުން ގެންގުޅޭކަމުގެ ކަންބޮޑުވުންވެސް މީގެ ކުރީން މަޖިލީހުގެ ތަޅުމުގައި ފާހަގަކުރެއްވި ޢަލީ ވިދާޅުވީ، ދަފުތަރުގައި ޖެހިފައިވާ 15،000 އާއި 20،000 އާ ދެމެދުގެ ރައްޔިތުން ތިބިއިރު އެމީހުންގެ ހައްގުގައި މަޖިލީހުގައި ވާހަކަ ނުދެކެވޭ ކަމަށާއި، އަދި އެމީހުންގެ މަސްލަހަތުތައް ތަމްސީލުކުރާނޭ މެންބަރަކުވެސް ރައްޔިތުންގެ މަޖިލީހުގައި ނުހުންނަ ކަމަށެވެ. 

ޤާނޫނު އަސާސީގެ 71 ވަނަ މާއްދާއާ ހަވާލާދެއްވައި ޢަލީ ވިދާޅުވީ، 2008ގެ ފަހުން ދަފުތަރުގެ މީހުން ބޭނުންކުރަމުން އަންނަނީ އެއިރެއްގައި އޮންނަ ސަރުކާރަކުން ބޭނުންވާ ބަޔަކު މަޖިލީހަށް، ނުވަތަ ކައުންސިލަށް ހޮވުމަށް ބޭނުންކުރާ ފުޅިމަދު އުނގުރިތަކެއްގެ ގޮތުގައި ކަމަށެވެ. 

"މާލޭގައި ދިރިއުޅޭ ދަފުތަރުގެ ރައްޔިތުންނަކީ އެއިރެއްގައި އޮންނަ ސަރުކާރުން ވަކި މީހަކު ހޮވަން ބޭނުންވީމާ ދާއިރާއަކަށް، ފުޓުނި އަޅައިލާ ގޮތަށް ނުވަތަ ފުޅިމަދު އުނގުރި ޖަހައިލާ ގޮތަށް އަޅައިލަން ތިބޭ ބައެއްގެ ގޮތުގައި ފެންނަނީ،" ދަފްތަރުގައި ތިބި މީހުންނަށް ވަކި ދާއިރާތަކެއް ކަނޑައަޅާން ޖެހޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވިއެވެ. 

ޢަލީ ވިދާޅުވީ، ރައީސް އިބްރާހީމްގެ ސަރުކާރުން މާލޭގެ ރައްވެހީންނަށް ހިންގި ބިންވެރިޔާ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ދަފްތަރު ރައްޔިތުންނަށް ނުދިން ކަމަށާއި، ނަމަވެސް، ވޯޓާ ޖެހުމުން ދަފްތަރު މީހުން މާލޭގެ ދާއިރާތަކަށް ވަރަށް މުޙިއްމު ކަމަށެވެ. 

އޭނާ ވިދާޅުވީ، "މިހެން މިކަން ދިމާވިއިރު ދަފުތަރުގައި ހިމެނޭ ރައްޔިތުންގެ ހައްގުގައި މި ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުކުރާނެ މީހަކު ނެތް. އެކަމެއް ނުކުރި. އެހެންވީމާ ތަމްސީލުކުރުމުގެ ހައްގު ނިގުޅައިގަނެވިފައިވާ ބަޔަކު ތިބިގެންނުވާނެ،" ކަމަށެވެ. 

އަދި "އެމީހުންނަށް [ދަފްތަރު މީހުނަށް] ދިމާވާ މައްސަލަތަކަކީ ޚާއްޞަ ހާލަތެއް. އެހެންވީމާ އެމީހުން ތަމްސީލުކުރާނެ މެންބަރުންތަކެއް މަޖިލީހުގައި ތިބެންޖެހޭ،" ކަމަށްވެސް އަލީ ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރުން ހޮވާން ވީމާ ދަފްތަރު މީހުން ވޯޓުލާން ޖެހެނީ ވަކިދާއިރާއަކަށް، ރައީސް ހޮވާން އެހެން ދާއިރާއަކަށް، ކައުންސިލް އިންތިޚާބުގައި އެހެން ދާއިރާއަކަށް ވޯޓުލުމަށް މަޖުބޫރުކުރުވާއިރު، މިއީ ކަންބޮޑުވާނެ ޖެހޭ ކަމެއް ކަމަށް ޢަލީ ހުސައިން ވިދާޅުވިއެވެ. އަދި އެ ރައްޔިތުން ނިސްބަތްވާ ދާއިރާތައް ދާއިމީކޮށް ކަނޑައެޅިފަ އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޢަލީ ވިދާޅުވީ، ދާއިރާތައް ކަނޑައެޅުމަކީ، އިލެކްޝަންސް ކޮމިޝަނަށް ޤާނޫނީގޮތުން ބާރު ލިބިފައިވާ ކަމަކަށްވާއިރު، މިހާރުން މިހާރަށްވެސް އެކަން ކުރެވިދާނޭ ކަމަށެވެ. 

"އެ ރައްޔިތުންނަށް ޚާއްސަކޮށް މަޖިލީހުގައި ދާއިރާތަކެެއް ކަނޑައެޅި، މެންބަރުން ތިބެން ޖެހޭ. ދަފުތަރު ދާއިރާ 1، ދަފުތަރު ދާއިރާ 2، ދަފްތަރު ދާއިރާ 3 މިގޮތަށް ނަމަވެސް ދާއިރާތަކެއް ކަނޑައަޅަން ޖެހޭ،" އޭނާ ވިދާޅުވިއެވެ. 

މިކަމާ ގުޅޭގޮތުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އޭނާގެ އެކްސް އެކައުންޓުގައި ލިޔުއްވާފައި ވަނީ، ދަފްތަރު މީހުންނަށް ވަކި ގޮނޑިތަކެއް ކަނޑައެޅިފައެއް އަދި ނުވާ ކަމަށެވެ.

ދަފްތަރު މީހުންނަށް މަޖިލީހުގައި ގޮނޑިތައް ޚާއްސަކުރާން ޖެހޭކަމަށް ޢަލީ ހުސެއިން ވިދާޅުވެފައި ވާއިރު، މިފަހަރުވެސް މާލޭގެ ދެ ދާއިރާއެއް ވަނީ އިތުރުކޮށްފައެވެ. އެއީ ހުޅުމާލެ އުތުރު ދާއިރާއާއި، ހުޅުމާލޭ މެދުދާއިރާއެވެ. އެގޮތުން މަޖިލީހުގެ މެންބަރުންގެ ޢަދަދު 93 މިފަހަރު އަރާއިރު މާލެއަށް އެކަނި މިހާރު މިވަނީ 17 ދާއިރާ ހަމަޖައްސައިފައެވެ.