ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑިގެއްލޭގޮތަށް 78 މެންބަރުންގެ ވޯޓުން ގާނޫއަސާސީއަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ގޮނޑިގެއްލޭ ގާނޫނަށް ވަރުގަދަ އިސްލާހުތަކެއް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝާހިދެވެ. ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) އަށް ޝާހިދު ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި ޕާޓީން ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަވެސް، އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. އަދި އަމިއްލަގޮތުން ހޮވޭ މެންބަރަކު ޕާޓީއަކާ ގުޅިވަޑައިގެންފި ނަމަވެސް އޭނާގެ ގޮނޑިވެސް ގެއްލޭނެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ މި ބިލުގައި، ޕާޓީލައިނުން މަޖިލީހަށް ހޮވޭ މެންބަރަކު ޕާޓީން ވަކިކުރުމުން ގޮނޑިގެއްލޭގޮތަށް އޮތުމުން، ގާނޫނީ ދާއިރާގެ ތަޖްރިބާކާރުން ހިމެނޭހެން ގިނަ ބަޔަކު ވަނީ އެކަން ފާހަގަކޮށް، އިތުރަށް ބިލް ދިރާސާކުރުމަށް ގޮވާލައި ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
ބުދަ ދުވަހު މަޖިލީހަށް ހުށަހެޅި ބިލަށް ގަޑިއެއްހާ އިރުގެ ތެރޭގައި ބަހުސުކުރުމަށްފަހު ބިލް ފާސްކުރުމަށް ވޯޓަށް އަހައި ފާސްކުރީ ޕީއެންސީއާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ 78 މެންބަރުންގެ ވޯޓުންނެވެ. ބިލް ފާސްކުރުމާ ދެކޮޅަށް 13 މެންބަރަކު ވޯޓު ދެއްވިއެވެ.
މަޖިލީހުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގާނޫނުއަސާސީއަށް ގެނައި މި ބަދަލު، އިތުރަށް ވަގުތު ނަގާނުލައްވައި، ރައީސް ވަނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މި އިސްލާހު ތަސްދީގުކޮށް، 78 ގޮނޑި ސަރުކާރަށް ދެން ނުގެއްލޭނޭކަން ކަށަވަރުކުރައްވައިފައެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ފަހުކޮޅުގައި، އެމްޑީޕީގެ ސުޕަރ މެޖޯރިޓީންވެސް އެންޓި-ޑިފެކްޝަން ބިލް ފާސްކުރާން މަސައްކަތްކުރިއެވެ. ނަމަވެސް، އެދުވަސްވަރު އެމްޑީޕީގެ ތެރޭގައި އެޅި ބިޔަބޮޑު ރެނދެއްގެ ސަބަބުން ޕާޓީ ދެބައިވެ، ރައީސް އިބްރާހީމްގެ ދައުރު ނިމުނުއިރުވެސް އެކަން ކާމިޔާބެއް ނުވިއެވެ. ނަމަވެސް ބިލްއޮތީ ހުރިހާ މަރުހަލާއެއް ނިމި ތަސްދީގުކުރުމާ ހަމައިގައެވެ. އެމްޑީޕީން އޭރު ފަރުމާކުރި އެންޓި ޑިފެކްޝަން ގާނޫނު ތަސްދީގުކުރެއްވީ، މިހާރުގެ ރައީސް ޑރ. މުޢިއްޒެވެ. އޭރު މި ގާނޫނު އަލުން ވުޖޫދުކުރާން ފޫގަޅުއްވައިގެން ތިއްބެވި ގިނަ ބޭފުޅުން މިއަދު ވަނީ މި ބިލާ ކަނޑައެޅިގެން ދެކޮޅަށް މަސައްކަތް ކުރައްވައި، އެބޭފުޅުންގެ އިޚްލާސްތެރިކަމާއި ނަޒާހަތްތެރިކަން ރައްޔިތުންނަށް ދައްކުވައިދީފައެވެ.