ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން އަލަށް އެކުލަވާލައިފައިވާ ބޭރު ފައިސާއާ ބެހޭ ގަވާއިދަކީ، ގާނޫނާއި ޚިލާފަށް ހަދާފައިވާ ޣައިރު ދުސްތޫރީ ގަވާއިދެއް ކަމަށް ޤާނޫނުހަދާ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލް އުސްތާޛު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެެއް ކަމަށާއި، އެމްއެމްއޭއިން ހަދާފައިވާ ބޭރުފައިސާއާ ބެހޭ ގަވާއިދު ބަދަލުނުކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވުމާ ގުޅިގެން، ޢަލީ ކުރެއްވި އެކްސް ޕޯސްޓެއްގައި އޭނާ ވިދާޅުވީ، "ޑޮލަރު މާރުކުރުން މަޖުބޫރުކޮށް މަރުކަޒީ ބޭންކުން އެކުލަވާލާފައިވާ ގަވާއިދަކީ ގާނޫނީ ގޮތުން ނުލިބޭ ބާރުތަކެއް އަމިއްލައަށް އަތަށް މަހާލައިގެން އެމް އެމްއޭގެ ގާނޫނާއި ޚިލާފަށް ހަދާފައިވާ ޣައިރު ދުސްތޫރީ ގަވާއިދެއް" ކަމަށެވެ.
އެމްއެމްއޭއިން ބޭރު ފައިސާގެ އާ ގަވާއިދެއް ތައާރަފްކޮށް، ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކުން ބޭރު ފައިސާއިން ލިބޭ އާމްދަނީގެ ބައެއް ދިވެހި ފައިސާއަށް ބަދަލުކުރަން ވަނީ ލާޒިމްކޮށްފައެވެ. އެގޮތުން މި ގަވާއިދު ތަންފީޒު ކުރެވޭނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގައި ޓޫރިޒަމް ގޫޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) އަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކަށެވެ. މި ފަރާތްތައް ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިފައެވެ.
އޭ ކެޓަގަރީ:
- ރިސޯޓް، އިންޓަގްރޭޓެޑް ރިސޯޓް، ހޮޓަލް، ޓޫރިސްޓް ވެސެލްސް ފަދަ ފަތުރުވެރިކަމުގެ ބޮޑެތި ތަންތަން.
ބީ ކެޓަގަރީ:
- ގެސްޓްހައުސް ފަދަ ކުދި ތަންތަނާއި 50 އަށް ވުރެ މަދު ކޮޓަރި ހުންނަ ހޮޓާފަދަ ތަންތަން.
އާ ގަވާއިދުގެ "އޭ" ކެޓަގަރީއަށް ފެތޭ ޓޫރިސްޓް ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް، 500 ޑޮލަރުގެ ރޭޓުން މާރުކުރާން ޖެހޭއިރު، "ބީ" ކެޓަގަރީއަށް ފެތޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރާން ޖެހެއެވެ. މި ފައިސާ މާރުކުރާން ޖެހެނީ ފަތުރުވެރީން ޒިޔާރަތްކުރި ފަހުން، ޖެހިގެން އަންނަ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ކޮންމެވެސް ބޭންކަކަށެވެ.
މަރުކަޒީ ބޭންކުން ބުނެފައިވަނީ، އާ ގަވާއިދުގެ ބޭނުމަކީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހަރުދަނާކޮށް، ދިވެހިރުފިޔާ ބޭނުންކުރެވޭ މިންވަރު އިތުރުކޮށް ފައިސާގެ ނިޒާމް ހަރުދަނާކުރުން ކަމަށެވެ.
ގުދުރަތީ ރީތިކުމުގެ މުއްސަނދިކަން ލިބިފައިވާ މިދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މުއްސަނދިކަމުގެ ފައިދާ ވޭތުވެދިޔަ ބައިގަރުނަށް ވުރެ ދިގުމުއްދަތެއްގައި ނަގަމުންދިޔަ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ބްރޭންޑުތަކުން ވަނީ އާގަވާއިދަށް ޢަމަލު ނުކުރެވޭނޭކަމަށް ބުނެ އެ ގަވާއިދު އަނބުރާ ގެންދިއުމަށް މަރުކަޒީ ބޭންކަށް ގޮވާލައިފައެވެ.