"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު"ގެ ނަމުގައި، މީޑިއާތަކުގެ މައްޗަށް ސަރުކާރަށް ވަރަށް ފުރިހަމައަށް ނުރަނގަޅު ނުފޫޒު ހިންގޭ ގޮތަށް ފަރުމާކޮށް، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު ގާނޫނުހަދާ މަޖިލީހަށް ހުށަހެޅުއްވި ބިލް އަނބުރާ ގެންދަވަން އޭނާ ނިންމަވައިފިއެވެ.
ހަންނާނުގެ މީޑިއާ ބިލް އަނބުރާ ގެންދަވަން އޭނާ ނިންމަވާފައި މިވަނީ، މި ބިލް މަޖިލީހުން ބޭރުކޮށްލައްވާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން އޮންލައިން ނޫސް ހަތާވީހަށް ހަންނާނު ވިދާޅުވީ، "އަޅުގަނޑަށް މިހާރު ގަބޫލު ކުރެވެނީ އެ ބިލު ހުށަހެޅުމަކީ ބޭކާރު ކަމެއްގެ ގޮތުގައި. ސަބަބަކީ ޕީއެންސީގެ 77 މެމްބަރުންގެ މެޖޯރިޓީ އޮތްވެ، ރައީސް އެހެން ވިދާޅުވީމަ، ބިލު ހުށަހެޅުމުގެ ބޭނުމެއް ނެތް،" ކަމަށެވެ.
ހަންނާނުގެ މީޑިއާ ބިލްގައި ވާގޮތުން، މިހާރުގެ އެމްއެމްސީއާއި ބްރޯޑްކޮމް އުވާލައި، އެ ދެމުއައްސަސާގެ ބަދަލުގައި އަލަށް އުފައްދާ މީޑިއާ ކޮމިޝަނަށް 7 މެންބަރުން ހޮވާއިރު، އޭގެ ތެރޭން 4 މެންބަރުންނަކީ ރައީސުލްޖުމްހުރިއްޔާ މަޖިލީހަށް ހުށަހަޅުއްވައިގެން އައްޔަނުކުރައްވާނޭ ބައެކެވެ. ބާކީ 3 މެންބަރުން ހޮވާނީ މީޑިއާތަކުން ވޯޓުދީގެންނެވެ.
މީގެ އިތުރުން، ނޫސްތަކާއި ނޫސްވެރީން ޖޫރިމަނާކުރުމާއި، އަދި ލައިސަންސް ހިފެހެއްޓުން ފަދަ ހަރުކަށި އަދަބުތައް ދެވޭގޮތަށް މިބިލްގައި ވަރަށް ތަފްސީލުކޮށް ހަންނާނުވަނީ މީޑިއާތައް ކުޑަކަކޫ މައްޗަށް ތިރިކުރެވޭނޭ ހުރިހާ މަގެއް ފަހިކޮށްދެއްވައިފައެވެ.
ހަންނާނުގެ މީޑިއާ ބިލް ބޭރުކޮށްލައްވާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ބިލާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށް، އެމްޖޭއޭއާއި، ނޫސްތަކާއި ނޫސްވެރީންނާއި، މީޑިއާ ކައުންސިލާއި އަދިވެސް ބައެއް ޖަމިއްޔާ ޖަމާޢަތްތައް ބައިވެރިވާގޮތަށް، "ހަތަރެއްގެ ދިފާއުގައި" ކެމްޕޭނެއް ފަށައި، 100އަށް ވުރެ ގިނަ ނޫސްވެރީން ސޮއިކޮށްފައިވާ ޕެޓިޝަނެއްވެސް ހުށަހެޅުމުގެ މަގުމަތީގައި ވަނިކޮށެވެ.