ދިވެހި ޕާސްޕޯޓް ގެއްލުމުން އަލުން ޕާސްޕޯޓް ހެއްދުމަށް މީގެ ކުރީން ނަގަމުން 5000 ރުފިޔާއާއި 20،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާ، 2000 ރުފިޔާއަށް ވުރެ ބޮޑުނުވާނެގޮތަށް ހަމަޖައްސައިފިއެވެ.

ދިވެހި ޕާސްޕޯޓާ ބެހޭ ޤަވައިދަށް މޯލްޑިވްސް އިމިގްރޭޝަނުން ގެނައި އިސްލާހުގައި ވާގޮތުން، ޕާސްޕޯޓު ގެއްލުނީ ވެރިފަރާތުގެ އިހުމާލުން ނޫންކަން އެނގޭ ޕޮލިސް ރިޕޯޓަކާއެކު ހުށަހެޅުމުން 2،000 ރުފިޔާއަށްވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއްނަމަ ޖޫރިމަނާއެއް ނުނަގާ ގޮތަށްވެސް ވަނީ ޤަވައިދު އިސްލާޙުކޮށްފައެވެ.

މީގެ ކުރިން ޕާސްޕޯޓެއް ގެއްލިއްޖެ ނަމަ، 5000 ރުފިޔާއާއި 20،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޕާސްޕޯޓުގެ ވެރިފަރާތް ޖޫރިމަނާ ކުރެއެވެ. އެއީ ފުރަތަމަ ފަހަރު ނަމަ 5000 ރުފިޔާއިންނެވެ. އަދި ދެވަނަ ފަހަރުނަމަ 10،000 ރުފިޔާ އަދި ތިން ވަނަ ފަހަރުނަމަ 20،000 ރުފިޔާއިންނެވެ.

އަލަށް ގެނައި އިސްލާހުތަކުގައިވާ ގޮތުން، 18 އަހަރުން ދަށުގެ ކުދިންނާއި ދިގު މުއްދަތަކަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހިއްސުގެ ނުވަތަ ސިކުނޑީގެ އުނިކަން ހުންނަ މީހުންގެ ޕާސްޕޯޓް ބެލެހެއްޓުމަކީ އެ މީހުންގެ ބެލެނިވެރިން ނުވަތަ ޝަރުއީ ބަލަދުވެރިންގެ ޒިންމާއެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ. 

އަދި މީގެ އިތުރުން، ޖޫރިމަނާ ފައިސާ ނުދެއްކޭ ފަރާތްތަކަށް އެ ހިނދެއްގެ ހާލަތާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫކުރުމުގެ އިޚްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނަށް ދީފައިވެއެވެ.