ބަންގުލަދޭޝްއިން ރާއްޖެއަށް މަސްކަތްތެރީން އެތެރެކުރުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހުއްޓުވާފައި ވަނިކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އަލުން ބަންގުލަދޭޝް މަސަކަތްތެރީން ރާއްޖެ އެތެރެކުރާން ނިންމި ނިންމުމަކީ ޣައިރުޤާނޫނީ ނިންމުމެއް ކަމަށާއި، އަދި އެތަކެއް ބިލިއަން ރުފިޔާގެ ވަގުވިޔަފާރި ހިމެނޭ މި ނިންމުމާއެކު ސުވާލު އުފެދޭކަމަށް ކުރީގެ އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. 

ފައްޔާޒު ވިދާޅުވީ، "2019 ގަ ކުރިން ބަންގަލަދޭޝްގެ ވަގުފާރި ވިޔަފާރި އަކީ އަހަރަކު އެތައް ބިލިއަން ރުފިޔާއެއްގެ މުޑުދާރު ވިޔަފާރިއެއް ބަޔަކު ކުރަމުންދިޔަ. 5 އަހަރު ހުއްޓުވާފަ އޮވެ އަލުން ޤާނޫނާ ހިލާފަށް މިކަން ހުޅުވާލުމަކީ ޤައުމީ ސަލާމަތަށް އަދި ދިވެހި އިޤްތިސޯދާއި އިޖުތިމާއީ ފޭރާމަށް ހުރިނުރައްކަލެއް،" ކަމަށެވެ. 

ކުރީގެ ރައީސް އިބްރާހީމްގެ ވެރިކަމުގައި 2020 ވަނަ އަހަރު ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ބަދަލަކާ ޙަވާލާދެއްވައި ފައްޔާޒު ވިދާޅުވީ، ހަމަ އެކަނި ބަނގްލަދޭޝްއަށް ނިސްބަތްވާ ހުނަރުނެތް މަސައްކަތްތެރީން ރާއްޖެ ގެނައުމަށް ހުއްދަދޭން ނިންމި ނިންމުމަކީ ވަޒީފާއާ ބެހޭ ޤާނޫނާ ކަނޑައެޅިގެން ޚިލާފު ނިންމުމެއް ކަމަށާއި، އެންމެ ފުރަތަމަ ކުރާން ޖެހޭ ކަމަކީ ޤާނޫނު ބަދަލުކުރުން ކަމަށެވެ. 

21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ވަޒީފާއަދާކުރުމަށް ރާއްޖެ ގެނެވޭނެ އަދަދު ކަނޑައެޅުން 1-65

  • (ހ) ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމަށްޓަކައި، އެއް ގައުމަކުން އެންމެ ގިނައިން ދިވެހިރާއްޖެއަށް ގެނެވޭނެ އަދަދަކީ ،100،000 (އެއްލައްކަ) މީހުންނެވެ.
  • (ށ) ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންގެ ތެރެއިން، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަދަދަށްވުރެ އިތުރަށް އެއްވެސް ގައުމަކުން ބިދޭސީން ވަޒީފާއަދާކުރުމަށް ހުއްދަދެވި ރާއްޖެ ގެނެސްފައިވާނަމަ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އަށް  6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުުން ފެށިގެން 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންގެ އަދަދު، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަދަދަށް ހަމަޖައްސަންވާނެއެވެ.

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް މަސައްކަތްކުރާ، ބަނގުލަދޭޝްއަށް ނިސްބަތްވާ 60 ހާހަށް ވުރެ ގިނަމީހުން މިހާރުވެސް އުޅޭއިރު، ގަވާއިދާ އެއްގޮތަށް މަސައްކަތްކުރާ ބަނގުލަދޭޝް މީހުންގެ އަދަދުވެސް 100،000އަށް ވުރެ ގިނަވާނެކަމަށް ބެލެވެއެވެ. 

ކުރީގެ އިގްތިޞާދީ ވަޒީރު ފައްޔާޒު ރަނގަޅު ވާހަކަފުޅެއް ވިދާޅުވެފައި ވާއިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ، އެމަނިކުފާނުގެ ވަޒީރުކަމުގައި ބަރާބަރު 6 މަސްދުވަސްތެރޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ މީހުންގެ ކަންކަން ހަމައަކަށް އަޅުވާނޭކަމަށް ވިދާޅުވި ނަމަވެސް، ވެރިކަމުގެ 5 އަހަރު ނިމިގެން ދިޔައިރުވެސް ބަނގުލަދޭޝް މީހުންގެ މައްސަލަ ހައްލެއް ނުކުރެވުނެވެ. އޭގެ އިތުރުން އިންޑިއާއިން އެތަކެއް ހާސް މީހުން އެތެރެކޮށް، ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާއަތްވަނީ އިނދަޖައްސާލައިފައެވެ. 

ހަމައެއާއެކު، ކުރީގެ ވަޒީރު ހަވާލާދެއްވާފައިވާ ޤާނޫނަށް ޢަމަލުކުރުމުގައި އެންމެ ފުރަތަމަ ފެއިލްވެފައި ވަނީ، ވެސް އެމަނިކުފާނެވެ. އަދި، އެމަނިކުފާނު ވިދާޅުވި ފަދައިން، މިހާރު ޑރ. މުޢިއްޒުގެ ސަރުކާރުންވެސް އެގެންދަވަނީ ހަމަ އޭރެކޭ އެއްގޮތަށް، ޤާނޫނާ ޚިލާފުވަމުންނެވެ.