ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފަށަން އިމިގްރޭޝަނުން ނިންމައިފިއެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އޮޕަރޭޝަންތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެ އޮޕަރޭޝަންތަކުގައި ބިދޭސީންގެ އައިޑެންޓިޓީ އާއި ވިސާ ބެލުމަށްފަހު އިމިގްރޭޝަން ގާނޫނާއި ހިލާފުވާ ބިދޭސީން ގަވައިދުގެ ތެރެއަށް ފެއްތުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

"މި ހާއްސަ އޮޕަރޭޝަން ކުރިއަށްދާއިރު، އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، ސައްހަ ހުއްދައެއް ނެތް ރާއްޖޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްޗަށް އިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރަމުންދާނެ ކަމުގައި ދަންނަވަމެވެ،" އެ ބަޔާނުގައިވެއެވެ.