ދިވެހިޕާސްޕޯޓުގައި ދަތުރުކުރާން ފަރާތްތަކުން، ރާއްޖެއިން ބޭރަށް ދަތުރުކުރާއިރުގައާއި ރާއްޖެއަށް އަންނައިރު، ޓްރެވެލަރ ޑިކްލެރޭޝަން ފޯމު ފުރަން ނުޖެހޭ ގޮތަށް ހަދައިފިއެވެ.

ދިވެހީންނަށް ދަތުރުފަތުރު ކުރުމުގައި ވީހާވެސް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ނޮވެމްބަރު 20، 2023 (ހޯމަ) ދުވަހުން ފެށިގެން، ރާއްޖެ އަންނަ ފަރާތްތަކާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީން ޓްރެވެލަރ ޑިކްލެރޭޝަން ފުރަން ނުޖެހޭ ގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަހީދު ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. 

ޓްރެވެލަރ ޑިކްލެރޭޝަން ފޯމު ތައާރަފުކުރީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުގެ ހިދުމަތް ހަރުދަނާކޮށް ރައްކާތެރިކުރުމުގެ ގޮތުން ޖުލައި 15، 2020 ގައެވެ.