ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާ މިއަދަށް ތާވަލުކުރި ކަމުގައި ވީ ނަމަވެސް، އެ ޖަލްސާ ބާއްވަން ބޭނުންވާ ޤާނޫނީ ޢަދަދު ހަމަނުވުމުގެ ސަބަބުން ޖަލްސާ ފަސްކޮށްފިއެވެ. 

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ބައެއް މުޙިއްމު މައްސަލަތަކުގެ ތެރޭގައި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލްގެ ބަހުސާއި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ފެނަކައިގެ އޮޑިޓެއް ހެދުމަށާއި ދަރަނި މެނޭޖްކުރާނޭގޮތުގެ ޕްލޭނެއް އެކުލަވައިލާން ގޮވާލާ ޤަރާރާއި، ގެއްލިފައިވާ މަސްކަނޑުތައް ހޯދުމުގެ މަސައްކަތް ފެށުމަށް ސަރުކާރަށް ގޮވާލާ ގަރާރުގެ ބަހުސާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ، އިންތިޚާބުތައް އިންސާފުވެރިކުރުވުމަށް، ވެފައިވާ ވަޢުދުތައް ފުއްދުމަށް ބާރުއަޅާ ގަރާރަކާއި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ޤާނޫނުއަސާސީއަށް އިސްލާހުގެނައުމުގެ ބިލްގެ ބަހުސު ހިމެނެއެވެ. 

މީގެ އިތުރުން، ރާއްޖޭން ބޭރުގެ ގައުމުތަކަށް ކަނޑައަޅާފައިވާ ބައެއް ސަފީރުންނަށް މަޖިލީހުން ރުހުން ދިނުމާއި، ކޮމިޓީތަކުގައި މަޝްވަރާކޮށް ވޯޓަށް އަހަންތައްޔާރުވެފައިވާ މައްސަލަތައް ވެސް ހިމެނެއެވެ. 

މިއަދުގެ ޖަލްސާ ފެއްޓެވުމަށް ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއެވެ. ޖަލްސާ ފަށަން ޖެހޭ ގަޑި ފަހަނައަޅައި ގޮސް، 9:06ކަންހާއިރު، އީވާ ވިދާޅުވީ، "ޖަލްސާ ފެށުމަށް ބޭނުންވާ ގާނޫނީ އަދަދު، ކޯރަމް ހަމަނުވާތީ އަޅުގަނޑު މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިހިސާބުން މި ނިންމާލީ،" ކަމަށެވެ.

މިޖަލްސާ މިހާރު ތާވަލްކޮށްފައި ވަނީ، މާދަމާއަށެވެ. 

މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ޖަލްސާ ފަސްކުރި އިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިއްތިފާގުން މިހާރު ވަނީ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެ މަގާމުން ދުރުކުރާން އަނެއްކާވެސް އިތުބާރުނެތްކަމުގެ މައްސަލައެއް ވައްދައިފައެވެ.