ރައީސް ޑރ. މުހައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން، ގޭންގު ޚަރަކާތްތައް ހުއްޓުވުމަށްޓަކައި، ގޭންގުތަކާއި ގޭންގު ލީޑަރުން އަދި ގޭންގުތަކުގައި އުޅޭ މެމްބަރުން ކަނޑައެޅުމުގެ ބާރު ސަލާމަތީ ބާރުތައް ހިމެނޭ ކޮމިޓީއަކަށް ލިބޭ ގޮތަށް ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅައިފިއެވެ. 

މިހާރު ޤާނޫނު އޮތްގޮތުން، ގޭންގް ލީޑަރުންނާއި މެމްބަރުން ކަނޑައެޅެން އޮންނަނީ ދައުލަތުން ދައުވާ ކުރުމުން ކޯޓުތަކަށެވެ. ނަމަވެސް، މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން އިސްނަގައިގެން، އެ ގާނޫނަށް އިސްލާހު ގެންނަން ތައްޔާރުކުރި ބިލުގައިވާ ގޮތުން ގޭންގުތަކާއި ގޭންގު ލީޑަރުންނާއި މެމްބަރުންނަކީ ކޮބައިކަން ދެން ކަނޑައަޅާނީ ފުލުހުންގެ ހިދުމަތަށް ޒިންމާވާ ވަޒީރާއި، ކޮމިޝަނާ އޮފް ޕޮލިހާއި، ޗީފް އޮފް ޑިފެންސް ފޯސް އަދި ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާ އާއި ސިފައިންގެ އިންޓެލިޖެންސްގެ ވެރިޔާ ހިމެނޭ ގޮތަށް ފަސް މެމްބަރުންގެ ކޮމެޓީއަކުންނެވެ.

ބިލުގައި ވާގޮތުން، ގޭންގެއް، ގޭންގެއްގެ ލީޑަރެއް، ނުވަތަ ގޭންގު މެމްބަރެއްކަން ކަނޑައެޅުމަށް ފަހު އެފަދަ ފަރާތްތަކާއި ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތު ކުރުމާއި ކްލަބް ޖަމްއިއްޔާ ރަޖިސްޓްރީކޮށް ދިނުމަކީ ވެސް މަނާ ކަމަށެވެ. އަދި ގޭންގު މީހުންނަކީ ކޮންބައެއްކަން އާންމުންނާއި ރާއްޖެއިން ބައިނަލްއަގްވާމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އަންގައި އެ މީހުންގެ ފޮޓޯއާ އެކު މައުލޫމާތު އާންމު ކުރަން ވެސް ޖެހެއެވެ. 

ގޭންގު ހުއްޓުވުމަށް ސަރުކާރުން އެކުލަވައިލީ މި ބިލްގައި ގޭންގެއްގެ ބައެއް ސިފަތައް ކަމަށް ބުނެފައިވަނީ، ވަކި ސަރަހައްދަކީ އެ ފަރާތެއްގެ ތަނެއް ކަމަށް ބެލެވޭނެ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ކުރެހުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަކުރުން ކަމަށެވެ. އަދި އެމީހަކީ ގޭންގު މެންބަރެއް ކަމަށް އެއްބަސްވާ ފަރާތްތަކާއި، ކުށްކުރާ ގޭންގްތަކާ ގުޅިފައިވާ ޓެޓޫ ނުވަތަ ނިޝާނެއް ހުރުމާއި ގޭންގު ލީޑަރެއް ނުވަތަ މެންބަރެއްގެ ފަރާތުން މާއްދީ ފައިދާއެއް ލިބިފައިވާ ފަރާތަކަށް ވުމަކީ ވެސް ކުށެއް ކަމަށް އެ ބިލުގައި ހިމަނާފައިވެއެވެ.