ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީސްވެސް ސަރުކާރަށް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 

"ރައީސްގެ ޖަވާބު" ޕްރޮގްރާމަށް އާންމު ރައްޔިތަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދައިރާއިންނާއި ޢުމްރާނީ ތަރައްޤީގެ ދައިރާއިން ޤާނޫނުތައް ހަދަން ޖެހޭ ކަމަށާއި އެހެންކަމުން މަޖިލީހުގެ އެއްބާރުލުން ނުލިބޭނަމަ ދަތިތަކާ ކުރިމަތިވާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، "އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އެބައޮތޭ އިރާދަ ކުރެއްވީތީ އަޅުގަނޑުވީ ހުރިހާ ވަޢުދެއް މި ދައުރުގައި އަޅުގަނޑަށް ފުއްދޭނެ. އެ ވަޢުދުތަށް ފުއްދުމަށްޓަކައި ބޭނުންވާ ކަންތައްތަކެއް އެބަހުރި. އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން." ކަމަށެވެ. 

"ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ނުލިބިއެއް ސަރުކާރަކަށް މިރާއްޖޭގައި މިއޮތް ޤާނޫނު އަސާސީގެ ތެރެއިން ރައްޔިތުންނަށް ކަންކަން ސަރުކާރަށް ފުރިހަމަކަމާއި އެކީ ކުރެވޭނެ ގޮތެއް ނޯވޭ" ރައީސް ވިދާޅުވިއެވެ.

ނަމަވެސް މާޒީގައި ފެންނާން އޮތީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރުތަކަށް ދިނުމުން، ވަޢުދުތައް ނުފުއްދޭތާނގައި ސަރުކާރު ޖަވާބުދާރީ ކުރެވޭނޭ ގޮތެއްވެސް ނެތުންކަން ގިނަ ރައްޔިތުން މިހާރު ޤަބޫލުކުރެއެވެ.