ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އެމްޑީޕީގެ ކުރީގެ ލީޑަރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަކިކުރާން އެމްޑީޕީން އަނެއްކާވެސް ފާސްކޮށްފިއެވެ. 

އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި އެ ގްރޫޕުގެ އިއްތިފާގުން ނިންމާފައި ވަނީ، ސަރުކާރު ބަދަލުވެގެން ދާއިރު، އެ ޕާޓީއަކީ ހަރުދަނާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ، ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ދުރުކޮށްގެން ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން އެމަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް، މިދިޔަ ޖޫން މަހުގެ ތެރޭގައި އެމްޑީޕީން މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވި ލަދުވެތި ނަތީޖާއަށް ފަހު، ދެވަނަ ބުރުގައި ރައީސް ނަޝީދާއި އީވާ ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ ތާޢީދު ހޯދުމަށް އެމްޑީޕީން ވަނީ، އެ ދެ މައްސަލަވެސް އަބުރާ ގެންގޮސްފައެވެ.