ސޯޝަލް މީޑިއާގައި ބޮޓު އެކައުންޓުތަކެއް ލައްވައި، "ޤާނޫނީ ސަރުކާރެއް ޣައިރުޤާނޫނީކޮށް ބަދަލުކޮށްލުމަށް" އުޅުނު ކަމުގެ ޖާގަ އޮތުމުން ކަމަށްބުނެ ފުލުހުން މައްސަލައެއް ތަޙުޤީގުކުރާން ފަށައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، "ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުނެއް ނިންމި ވަގުތަކާ ދިމާކޮށް" ސިޔާސީ ފަރާތްތަކުން ސަރުކާރު ވައްޓާލަން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށްފައެވެ.

އެގޮތުން ސިޔާސީ ފަރާތްތަކުން، "ސަރުކާރުގެ މާލީ ހާލަތާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ހަމަ އެވަގުތު ސޯޝަލް މީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓު ބޭނުންކޮށް، ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނިކުތުމަށާއި، ޢާންމު ހަމަޖެހުން ނަގާލުމަށް ގޮވައި، ޤައުމުގެ މަސްލަހަތު ނަގާލުމަށް ގޮވައި،" އެކަމަށް ހިތްވަރުދީފައިވާ ކަމަށެވެ.

ސިޔާސީ ފަރާތްތަކެއް ކަމަށް މި ބަޔާނުގައި ތުހުމަތު ކުރާކަމަށް ބެލެވެނީ، އިދިކޮޅު އެމްޑީޕީއެވެ. އަދި ސަރުކާރުގެ މައި ހިއްސާވާ ބޭންކަކީ، ބޭކްން އޮފް މޯލްޑިވްސްކަމަށް ބެލެވެއެވެ. ސަބަބަކީ، ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި އެ ބޭންކުގެ ބޯޑުން އާދީއްތަ ދުވަހު ވަނީ، ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރުގެ މުއާމަލާތްތައް އެއްކޮށް ކަނޑާލަން ނިންމައި، ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަ ކުރަން ނިންމައި އެކަން އިޢުލާނުކޮށްފައެވެ. އެ ނިންމުމާއެކު، ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ވަނީ، އެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައި، އެކި ޕްލެޓްފޯމުތަކުގައި އެކަމާ ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔައިފައެވެ. އަދި ހަމަ މިކަންތައްގަނޑުގެ ތެރޭގައި، އިދިކޮޅު އެމްޑީޕީން ވަނީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް ނޫސްވެރީންގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

ބާޔާން ނިންމާލަމުން ފުލުހުން ވަނީ، ބޮޓުއެކައުންޓުތަކެއް ލައްވައި ބަޣާވާތްކުރަން އުޅުނުކަމަށް ބެލުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ ތަހުގީގުކުރަމުންދާކަމަށް ބުނެފައެވެ. 

ޤައުމީ ބޭންކުގެ ނިންމުމާ ދެކޮޅަށް، ކަންބޮޑުވުން ފާޅުކުރި ފަރާތްތަކުގެ ތެރޭގައި ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި ބޭރުން މުދާ ގެންނަ ކުދި ވިޔަފާރިތައް ހިންގާ ފަރާތްތައް ހިމެނެއެވެ.

ބޭންކުގެ ނިންމުން އިއުލާނުކުރިތާ މާކަ ގިނައިރުތަކެއް ނުވަނީސް، އެފަރާތުން ވަނީ،  މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދިން  އިރުޝާދުގެ ދަށުން، ރުފިޔާ އެކައުންޓަށް ޑޮލަރު ދޫކުރަން އަލުން ނިންމިކަން ހާމަކޮށްފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން، ސަރުކާރުގެ ހަތަރު ވަޒީރަކު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ޑޮލަރު ދޫނުކުރަން ބީއެމްއެލްއިން ނިންމީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ގޮތާ ޚިލާފަށް ކަމަށާއި، ބޭންކުން ޢަމަލުކުރީ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކާވެސް ޚިލާފަށް ކަމަށެވެ.