ހުޅުމާލޭ ފޭސް 2ގައި ހުންނަ ހިޔާ ފްލެޓްތަކުގެ ތެރޭން އެޗް6ގެ 12 ވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކު، ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. 

ފުލުހުންގެ ޚިދުމަތުން ބުނީ، ހިޔާ ފްލެޓްގެ ޓަވަރަކުން ކުއްޖަކު ވެއްޓިފައިވާ ކަމުގެ މަޢުލޫމާތު ލިބުނީ ހޮނިހިރު ދުވަހުގެ ރޭ 11:58 ކަންހާއިރު ކަމަށާއި، އެޢީ ޢުމުރުން 15 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި އެކުއްޖާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް، މެންދަމު 1:00ކަންހާއިރު ނިޔާވެފައިވާ ކަމަށެވެ. 

މަންޒަރު ދުށް ބައެއް މީހުން ކިޔައިދިންގޮތުން، އެކުއްޖާ މަތިން ވެއްޓި އައިސް ޖެހުނީ އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގެ ބޮނެޓް މައްޗަށެވެ. އަދި އެ ހާދިސާގައި ކުއްޖާގެ ބޮލަށާއި ހަށުގަނޑުގެ އެކި ގުނަވަންތައް ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށެވެ. 

ފުލުހުންބުނީ، އެ މައްސަލަ އިތުރަށް ތަޙުޤީގުކުރަމުން އަންނަ ކަމަށެވެ.