ހުޅުމާލެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން، އެރަށުގެ ދެވަނަ ފިޔަވަހީގައި 1،700 ދަރިވަރުންނަށް ޖާގަލިބޭވަރުގެ ސްކޫލެއްގެ ބިންގާއަޅައިފިއެވެ. މި ސްކޫލުގެ ބިންގާ އަޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ހުޅުމާލޭގައި އަލަށް ޢިމާރާތްކުރާ މި ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އާއެވެ.
ހުޅުމާލޭގައި ޢިމާރާތްކުރާ ސްކޫލުތަކުގެ ތެރޭން ފޭސް2ގައި ބިނާކުރާ މި ސްކޫލަކީ 54 ކްލާސްރޫމާއި ހޯލަކާއި ސްކޫލުތަކުގައި ހިމެނޭ އެހެނިހެން ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް އެކުލެވޭގޮތަށް އިމާރާތް ކުރެވޭ ސްކޫލެކެވެ.
އާ ސްކޫލުގެ ބިންގާއެޅުމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ގަސްދުކުރެއްވީ އެމަނިކުފާނުގެ ސަރުކާރުގައި ފުރަތަމަ ބިނާކުރާ އިމާރަތަކީ ތައުލީމަށް ބިނާކުރެވޭ އިމާރާތަކަށް ހެދުމަށްކަމަށެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީން ބޭއްވި، ބިލްޑަރ އެވޯޑްސް 2023ގައި "ބޮޑު ރަސްގެފާނުގެ ލަޤަބު" އަރުވާފައިވާ ރައީސް ޑރ. މުޢިއްޒު ވަނީ، މިދިޔަ ހަފްތާގައި "ރަސްމާލެ" ނަމުގައި ރާއްޖޭގައި ބިންހިއްކުމުގެ ބިޔަ މަޝްރޫޢެއްވެސް ފައްޓަވައިފައެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައިވެސް ހުޅުމާލޭގައި ވަނީ 2 ސްކޫލެއް އަޅައިފައެވެ. އެއް ސްކޫލަކީ ޞަލާޙުއްދީން ސްކޫލެވެ. ޞަލާޙުއްދީނަކީ 1000 އާއި 1200 އާ ދެމެދުގެ ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.
އަނެއް ސްކޫލަކީ 23 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެޅި ވަގުތީ ޓިނު ސްކޫލެކެވެ. އެއީ 800އެއްހާ ދަރިވަރުންގެ ޖާގައިގެ އަޙްމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލެވެ.