ވިލިމާލޭގައި މީހުން ދިރިނޫޅޭ ފަޅު ގެއެއް ކަމަށްވާ، "ބަސްމަލާ" ކިޔާ ގޭގައި ހަދާފައިވާ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެއެވެ. 

އެމްއެންޑީއެފުން ބުނީ، އަލިފާނުގެ ހާދިސާ ހިގާފައިވަނީ ބަސްމަލާގޭގައި، އޭސީ މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ގުދަންކޮށް، ވޯކްޝޮޕެއް ގޮތަށް ހަދާފައިވާ ތަނެއްގައި  ކަމަށާއި، އެ ހާދިސާގެ މައުލޫމާތު ލިބުނީ، ފަތިހު 05:12 ކަންހާއިރު ކަމަށެވެ.

އެގޮތުން އެ މައުލޫމާތު ލިބުމާއެކު، ވިލިމާލެ ފަޔަރ ސްޓޭޝަންގެ ފަޔަމަނުން ގޮސް އެތަން ކުޑައިރުކޮޅެއްގެ ތެރޭގައި ނިއްވާލާފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް އެ ޢިމާރާތުގައި ހަދާފައި ހުރި ދެ ކޮޓަރީގައި ހުރި ފާހާނާއަށާއި ބައެއް ތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.