ކެންޔާގެ ނިޔެރީގައި ހުންނަ ހިލްސައިޑް އެންޑާރާޝާ އެކަޑަމީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 17 ދަރިވަރަކު މަރުވެ، 14 މީހަކު ޒަހަމްވެއްޖެއެވެ.

ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ރޭ ދަންވަރު، މި ހާދިސާ ހިނގާފައިވަނީ 156 ދަރިވަރުން ދިރިއުޅެމުން ދިޔަ ފިރިހެން ކުދިންގެ ޑޯމިޓަރީއެއްގައެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދިވެސް ތަހުގީގު ކުރަމުން އަންނަ އިރު، އިބްތިދާއީ ރިޕޯޓުތަކުން ދައްކާ ގޮތުގައި، މި ހާދިސާ ހިނގާފައި ވާކަމަށް ބޮޑަށް ބެލެވެނީ، ކަރަންޓުގެ މައްސަލަތަކެއް ނުވަތަ އުއްބައްތީގެ ބޭނުން ރައްކާތެރި ނޫންގޮތުގައި ހިފުމުގެ ސަބަބުންކަމަށް ވުމުގެ ފުރުސަތު ބޮޑެވެ.

ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ ވަނީ މި ހިތާމަވެރި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް އަންގަވާފައެވެ. އަދި އެކި އެކި ޖަމިއްޔާތަކުގެ އެއްބާރުލުމާއެކު އިމަރޖެންސީ ޚިދުމަތްތަކާއި ރިލީފް މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން، ޢާމުން ދަނީ ކެންޔާގެ ސްކޫލްތަކުގައި އަލިފާނުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ގޮވާލައި، ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުންނެވެ.

މި ހިތާމަވެރި ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުން، ހިތާމައިގެ ތެރެއަށް ވެއްޓި، އެގައުމުގެ އެކި ކަންކޮޅުތަކުގައި ދަނީ، ކިޔަވައިދޭ ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރަން ޖެހިފައިވާކަން ފާހަގަކުރަމުންނެވެ.