ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާރުގެ ކޯލިޝަން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް، އެންމެ ގޮނޑިއެއްވެސް ކާމިޔާބުކުރެވިދާނޭ ކަމާމެދު ޝައްކުކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ، އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންގމޭޓެއްގެ ގޮތުގައި ނުކުންނެވި ޙުސައިން ޢަމްރޫ ރަޝާދު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްގެ ޖަގަހަ "ހަައުސް އޮފް ޑިމޮކްރެޓްސް"ގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޢަމްރޫ ވަނީ، އެމްޑީޕީގެ ސަރުކާރާއި އަދި އެ ޕާޓީގެ ލީޑަރޝިޕަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީގެ އެންމެ ބޮޑު އަސްލަކީ އެ ޕާޓީގައި މިހާރު ރަނގަޅު ލީޑަރޝިޕެއް ނެތުން ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ޖެހިގެން އައި އަހަރު ބޭއްވި މަޖްލިސް އިންތިޚާބުގައި 65 ގޮނޑި ކާމިޔާބުކުރި ޕާޓީން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ނެރުނު ދަށް ނަތީޖާގެ ސަބަބުތައް ދެނެގަންނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޙާލަތު ވަޒަންކުރައްވައި، ޢަމްރޫ ވިދާޅުވީ، "އެ ޕާޓީ މިހާރު އޮތް ދަރަޖައިން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެންމެ ގޮނޑިއެއް ނެގުމާ ދޭތެރޭ ވެސް ޝައްކު،" ކަމަށެވެ.
އެމްޑީޕީގެ ވެރިކަން ގެއްލި މެންބަރުންގެ އަދަދު އިންތިހާއަށް ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވައި، އެމްޑީޕީގެ ޗެއަރޕަސަންގެ މަގާމުގައި އޭނާ ހުންނެވި ނަމަ، ރިޔާސީ އިންތިޚާބަށް ފަހު ފުރަމަ ބޭއްވި ގައުމީ މަޖިލީހުގައި މިކަންކަން އެޖެންޑާކޮށް، ސަބަބު ހޯއްދަވާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ވަރަށް ސާފުކޮށް އެ ބޭފުޅުން ވާހަކަދެއްކެވި ވަގުތުކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް އެނގިއްޖެ، އެ ފަސް އަހަރުގެ ތެރޭގައި އެ އޮއްބޮޑު ޕާޓީ ކުޑަވެގެން ދިޔަ ގޮތް،" އެމްޑީޕީގައި މިހާރު ލީޑަރޝިޕެއް ނެތްކަން ފާހަގަކުރައްވައިޢަމްރު ވިދާޅުވިއެވެ.