މާލެ ސިޓީގެ އާ މޭޔަރަކަށް އިންތިޚާބުވެވަޑައިގަތް އާދަމް ޢާޒިމަށް މަރުހަބާއެވެ. އަދި އަލަށް ޙަވާލުވި ޒިންމާތައް އަމާނާތްތެރިކަމާއެކު އަދާކުރެއްވުމުގެ ތައުފީގު މިންވަރުކުރެއްވުން އެދި ދުޢާކުރަމެވެ. މަނިކުފާނު ތިޔަ ވަޑައިގަތީ ވަރަށް ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލައްވާށެވެ. އުނދަގޫ ރާސްތާއެއްގައި ތަނަވަސްކަމުގެ އުންމީދުތަކެއް ދިރުވާނޭ ކަމުގެ ވަޢުދުތަކާއެކުއެވެ. އިންތިޚާބުވެވަޑައިގަތުމާއެކު އަނެއްކާވެސް ތިޔަ ވެވަޑައިގަތީ ވަރަށް އުނދަގޫ ކަންތައްތަކެއް ކުރަށްވާނޭކަމުގެ ވަޢުދެވެ. 

މާލޭގެ މޭޔަރު ހޮވަން ވޯޓުދިނުމުގެ ޙައްޤު 54 ހާހެއްހާ މީހުންނަށް ލިބެއެވެ. ނަމަވެސް ވޯޓުލީ ވަރަށް މަދު ބައެކެވެ. ޢާޒިމް މޭޔަރުކަން ކަށަވަރުކުރެއްވީ 7،621 ވޯޓުންނެވެ. މާލޭގެ ރައްޔިތުންގެ ހިތްހަމަ ނުޖެހުމާއި މާޔޫސްކަން ވޯޓުލާން ނުކުތް މީހުންގެ ނިސްބަތުންވެސް ދައްކައިދެއެވެ.

މޭޔަރުކަމަށް ހޮވިވަޑައިގެންނެވި ޢާޒިމްގެ ކާމިޔާބީ ފާހަގަކުރުމަށް އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީން ކުރިއަށް ގެންދިޔަ ހަފްލާގައި ވާހަކަދައްކަވަމުން ޢާޒިމް ވިދާޅުވީ، "އަޅުގަނޑުމެން މިތިބީ އެއްވެސް ކަމެއް، އެއްވެސް ޙައްގެއް، ގެއްލިގެން ދަންޏާ އެ ޙައްގެއް ހޯދައިދޭން މަސައްކަތް ކުރަން،" ކަމަށެވެ. 

މީގެ އިތުރުން "މާލެއަށް ދިމާވެފައިހުރި މި ދަތިތައް، ވިލިމާލެއަށް ދިމާވެފައި ހުރި ދަތިތައް ހުޅުމާލެ ރައްޔިތުންނަށް ދިމާވެފައި ހުރި ދަތިތައް ހައްލު ކުރުމަށް އެމްޑީޕީގެ މިއޮތް ވަރުގަދަ ލަޝްކަރު ފަހަތަށް ނުޖެހޭނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،"ކަމަށް އޭނާ ވިދާޅުވިއެވެ. 

ދާދި ކައިރި މާޒީން ފެންނާން ބޮޑު ޙަޤީޤަތަކަށް ބަލައިލަމާ ހެއްޔެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ވާހަކައަކީ މިއަދުވެސް އެންމެ ހޫނުކޮށް ދެކެވޭ ވާހަކައެވެ. ބޯހިޔާވަހިކަމަކީ ހަމަހަމަ އުސޫލެއްގެ ތެރޭން، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދޭން ޖެހޭ ޙައްޤެކެވެ. ނަމަވެސް، ކަނޑައެޅިފައިވާ ޤާނޫނުތަކާ ޤަވާޢިދުތައް މުގުރާލައި، ސިޔާސީ މަންފާއެއް ޙާސިލްކުރުމަށް މިފަދަ ކަންކަން ކުރުމަކީ ތަޙުޒީބު މުޖުތަމަޢެއްގައި ބަލައިގަންނާނޭ ކަމެއް ނޫނެވެ. އަދި ކުރެވިގެން ވާނޭކަންކަމެއްވެސް ނޫނެވެ. އެހެނަސް އެކަން ބަޔަކު ކޮށްފިއެވެ. މާލޭގެ ވަޒަންވެރީންގެ މެދުގައި ވަރުގަދަ ފިތުނައެއް އުފައްދައިފިއެވެ. ޢާޒިމް ވަޢުދުވެވަޑައިގަންނަވަނީ، ގެއްލިފައިވާ ޙައްޤުތައް ހޯއްދަވައިދެއްވާނޭ ކަމުގެ ވަޢުދެވެ.

ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށްވުމާ ބެހޭ ގާނޫނު

4 ވަނަ މާއްދާ

(ހ) ރަށެއްގައި މެދުކެނޑުމެއްނެތި 5 އަހަރުދުވަސް ދިރިއުޅުމުގެ ގޮތުން ވޭތުކޮށްފައިވާ މީހަކު އެރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީވާން އެދިއްޖެނަމަ، އެމީހަކު އެރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭން ވާނެއެވެ. މިގޮތުން ރަޖިސްޓަރީކޮށްދެވޭ މީހުން، ކުރިން އެމީހުން ރަޖިސްޓަރީ ކުރެވިފައިވާ ރަށެއްގެ ރަށްވެހީންގެ ރަޖިސްޓަރީން އުނިކުރަންވާނެއެވެ.

41 ވަނަ މާއްދާ – ދަތުރުފަތުރުކުރުމާއި ވަޒަންވެރިވުމުގެ މިނިވަންކަން

(ހ) ރާއްޖެއިން ފުރައިގެން ދިއުމާއި، ރާއްޖެއަށް އެނބުރި އައުމާއި، ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.

(ށ) ދިވެހިރާއްޖޭގައި މީހުންދިރިއުޅޭ ކޮންމެރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.

(ނ) އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބޭ އެންމެހައި ހިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބުމުގެ ހައްގު އެ ރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.

230 ވަނަ މާއްދާ – ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން

(ހ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުންނެވެ.

 

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު

 

138 ވަނަ މާއްދާ – ތަފާތުނުކުރުން

ގާނޫނުއަސާސީގައި ނުވަތަ ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، މި ގާނޫނަށް އަމަލުކުރުމުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގެ އެއްވެސް ރަށްވެއްސަކު އެމީހަކު އުފަންވެފައިވާ ރަށަކަށް ނުވަތަ ރަށްވެހިވެފައިވާ އިދާރީ ދާއިރާއަކަށް ނުވަތަ ދިރިއުޅޭ ރަށަކަށް ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ މިނޫންވެސްކަމަކަށް ބަލައި އެއްވެސް ގޮތަކުން ތަފާތުކޮށްގެންނުވާނެއެވެ. އަދި މިކަން ޔަގީންކުރުމަށްޓަކައި އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.

(ހ) އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި އެމީހަކު ރަޖިސްޓަރީވެވޭނެ ގެއެއް ނުވަތަ ފްލެޓެއް ހުރިނަމަ އިތުރު އެއްވެސް ށަރުތެއް ނެތި އެ ރަށެއްގެ ރަށްވެއްސަކަށް ބަދަލުވުމުގެ ފުރުސަތު އެމީހަކަށް ދިނުން.

(ށ) ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާނަމަ،  ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން ނަމަވެސް ދޫކުރުމަށް އިއުލާންކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގޯއްޗެއް ނުވަތަ ފްލެޓެއް ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އެއްވެސް އިސްތިސްނާއެއްނެތި ހުރިހާ ދިވެހިރައްޔިތުންނަށް ދިނުން.

 

ރައީސް އިބްރާހީމް ވަނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާއާއި ލާމަރުކަޒީ ޤާނޫނުގެ 138 ވަނަ މާއްދާއާ އަދި އެނޫންވެސް އެފަދަ އެތަކެއް ޤާނޫނުތަކާއި ޤަވާއިދުތަކާ ކަނޑައެޅިގެން ޚިލާފަށް، ވަކިބަޔަކަށް ފައްކާކޮށްފައިވާ އުސޫލެއްގެ ދަށުން، މާލޭގެ އެތަކެއް ހާސް ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ، ބިންވެރިޔާ ސްކީމެއް ހިންގައިފައެވެ. ނަތީޖާއަކީ މާލޭގެ އެތަކެއް ހާސް ރައްޔިތުން މާޔޫސް ކޮށްލުމެވެ. ބޭކާރުކޮށްލުމެވެ. އޭގެ ތެރޭން ބަޔަކު ނަސްލީ ތަފާތުކުރުމެއްގެ ތެރެއަށް ވައްޓާލުމެވެ. އަމިއްލަގައުމުގައި ރެފިއުޖީންގެ ދަރަޖަ ދެވުމެވެ. ސަރުކާރާ މެދު ހިތް ނުތަނަވަސް ވުމެވެ. އޭގެ ހިތިކަން ރިޔާސީ އިންތިޚާބުގައި މާލޭ ރައްޔިތުން ވަނީ ރައީސް އިބްރާހީމަށްވެސް ދައްކައިފައެވެ. އަދި ނިމިދިޔަ މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގައިވެސްމެއެވެ. މާލެ ސިޓީގެ މޭޔަރަކު ހޮވާން ވޯޓު ލާފައި ވަނީ 17،410 މީހުންނެވެ. އެއީ ވޯޓު ލުމުގެ ޙައްޤު ލިބިދޭ މީހުންގެ އެންމެ 31 އިންސައްތަ މީހުންނެވެ. 

ގެއްލިފައިވާ ޙައްޤުތައް މާލޭގެ ރައްޔިތުންނަށް ހޯއްދަވައި ދެއްވާ ނަމަ، މޭޔަރު ޢާޒިމަށް ޖެހިވަޑައިގަންނަވާނީ، ޤާނޫނާ ޚިލާފަށް ނިމިދިޔަ ސަރުކާރުން ހިންގާފައިވާ މިފަދަ މުޢާމަލާތްތައް ޤާނޫނުގެ ތެރެއަށް ވެއްދުމަށް އަދުގެ ސަރުކާރަށް ޕްރެޝަރުކޮށް، އެކަމުގެ މަގު ފަހިކުރާށެވެ. އެހެނީ މިހާރު އޮތް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވެސް ބިންވެރިޔާ ސްކީމުގެ ޣައިރުޤާނޫނީ ޢަމަލުތައް ބަލާން އުޅޭތަނެއް ނުފެނެއެވެ. 

އެމްޑީޕީ ތެރޭން ކުރީގެ ރައީސް އިބްރާހީމް މިހާރު ވަނީ، ޢާޒިމްގެ ހިތްވަރެއް ހުރިއްޔާ ޙައްޤުތައް ހޯދުމަށް ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނޭކަމަށް ވިދާޅުވެފައެވެ. މިހާރު އާޒިމްގެ ޕޮލިޓިކަލް ކެރިއާގެ ބިންގާ ތި އެޅުނީކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، "ތެދުވެރިކަމާއި ވަފާތެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުން ހަވާލު ކުރި މަސައްކަތް ކުރިއަށްގެންދަވާ. ކާމިޔާބު އޮތީ ކުރިއަށް،" ކަމަށެވެ. 

ރައްޔިތުންގެ އުންމީދަކީ ޢާޒިމް ވިދާޅުވި ފަދައިން، ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންގެ އަތުން ނިގުޅައި ގަނެފައިވާ ޙައްޤުތައް ހޯދައި ދިނުމުގައި އަމާނާތްތެރިކަމާއި ބަހުގެ އިތުބާރު ދެއްކުމެވެ.