ތިރީގައި މި ނަކަލު ކޮށްލަނީ، އެމްޑީޕީގެ މަތިފަޑީގައި ހިމެނިވަޑައިގަންނަވާ، އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރުގައި، އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި މޫސާ އަލީ މަނިކު (މޫކޭ)، އެމްޑީޕީގެ ކުރިމަގާ ގުޅޭ ގޮތުން އޭނާގެ މީސްމީޑިއާގައި ލިޔުއްވާފައިވާ ލިޔުންކޮޅެކެވެ. 

ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ހުޅުމާލޭ އުތުރު ދާއިރާއަށް ވާދަކުރައްވައި، ނާކާމިޔާބީއާ ކުރިމަތިލެއްވި މޫކޭ ވިދާޅުވިއެވެ.

"އެމް.ޑީ.ޕީގެ ކުރިމަގާއި އަދި ލީޑަޝިޕާއިމެދު ޝައްކުގެ ނަޒަރުން ދެކޭ ފަރާތްތަކަށް ތާރީޚުގެ ސަފްހާއެއް ބަލާލުމުގެ ދަޢުވަތު އަރުވަމެވެ. 

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެމް.ޑީ.ޕީ ބަލިވުމާއެކު ޕަޓީގެ އެތަކެއް ވަރުގަދަ މޫތައް ޕާޓީއަށް ގެއްލި އާންމު މެމްބަރުން މާޔޫސްކޮށްލި އެވެ. ލީޑަޝިޕް ބަދަލުކުރުމިގެ އަޑިތައް ގަދަވިއެވެ. އެ މާޔޫސްކަމާއެކު 2014 ގެ މަޖިލިސް އިންތިޚާބުގައި 20 ވަރަކަށް ގޮނޑި ލިބިމާއެކު ލީޑަޝިޕް ބަދަލުކުރުމުގެ އަޑުތައް އިތުރުވެގެން ދިޔައެވެ. ޕާޓީއަށް ވަފާތެރިކަމަށް ދެކެމުން އައި އެތައް މެމްބަރުންނެއް ޕާޓީ ދޫކޮށްގޮސް ޕާޓީއަށް މައްލަވަކުރިތަން ފެނުނެވެ.

މާޔޫސްވުމެއްނެތި ލީޑަޝިޕުން ކުރި މަސައްކަތާއެކު 2018 ވަނަ އަހަރު އެމް.ޑީ.ޕީ އަލުން ވެރިކަން ހޯދިއެވެ. ޕީ.ޕީ.އެމް ގެ އެތަށް މޫތަކެއް އެޕާޓީ ދޫކޮށް ނުކުތެވެ. އަދި ލީޑޝިޕު ބަދަލު ކުރުމިގެ އަޑުތައް ގަދަވެލިއެވެ. 2019 ވަނަ އަހަރު މަޖިލިސް އިންތިޚާބުން މަދު ގޮނޑިކޮޅެއް ލިބުމުން އިތުރަށް އެއަޑު ގަދަވެ ޕީ.ޕީ.އެމް ދެން ނޯންނާނެއޭ ބުނެ ވަހަކަ ދެއްކި ޕީ.ޕީ.އެމް މެމްބަރުން މަދެއް ނޫނެވެ. މަދު އާންމު މެމްބަރުންކޮޅަކާއެކު އެލީޑަޝިޕު ނުކުމެ ވެރިކަން ފުރޮޅާލައި މީހުންނަށް ވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެމް.ޑީ.ޕީ ބަލިވުމާއެކު އާކަމެއް ދިމައެއް ނުވެއެވެ. މަޖިލިސް އިންތިޚާބުން ބޮޑުކޮށް ބަލިވެއްޖެއެވެ. އެކަމަކު މިއީ އެމް.ޑީ.ޕީ ގެ ތާރީޚުގައި އިދިކޮޅުގައި އޮވެ އެންމެބޮޑު ހޭދައަކާ އެހީތެރިކަމެއް ޕާޓީއިން ފޯރުކޮށްދިން އިންތިޚާބޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ލީޑަޝިޕު އެކީ ނުކުމެ ކެމްޕެއިންގައި ބައިވެރިވިއެވެ.

ތަކުރާރުވަމުން މިދަނީ ތާރީޚެވެ. މިއީ ދިވެހިން މިކަން ކުރާން އާދަހިފި ގޮތެވެ. އެކަކުވެސް ފެޔަށް ޖެހޭނެ ކަމެއްނެތެވެ. ހިތްވަރާއެކު ކުރިއަށް ދާންވީއެވެ. ވާދައަކީ މޮޅާ ބަލި އޮންނަ ކަމެކެވެ. ވާދަކޮށްގެން މޮޅުވަމުން ބަދަލުކުރަމުން ދިޔައީމަ ހުންނާނީ އެންމެ ރަނގަޅަށެވެ. ބޯވައަކީ ކުލަބަދަލުވާ ސިޔާސީންނެވެ. އެމީހުންނަށް އެއިރަކު އޮންނަ ކުލައެއް އެންމެ ހެޔޮވަރެވެ. މާތްﷲ ގެ ވާގިފުޅާއެކު އެމް.ޑީ.ޕީ އެނބުރި އަންނާނެ ކަމާއިމެދު ޝައްކު ނުކުރާށެވެ.

ވާހަކަ ނިމުނީ.

މޫކޭ--