މާލެ ސިޓީ ކައުންސިލުން ހިންގަމުން އައި މަޝްރޫޢުތަކުގެ ތެރޭން 120 މިލިއަން ރުފިޔާއަށްވުރެ ބޮޑެތި މަޝްރޫއުތަކެއް ސަރުކާރަށް ބަދަލުކޮށް، އެ މަސައްކަތްތައް އިންފްރާންސްޓްރަކްޗަރ މިނިސްޓްރީއާ ހަވާލުކުރަން ފާސްކުރުމުން އިންތިޚާބީ މޭޔަރު އާދަމް ޢާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. 

މިދިޔަ ހޮނިހިރު ދުވަހު ބެއްވި މޭޔަރު އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް، އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ ޢާޒިމް ވިދާޅުވީ، މާލޭ ރައްޔިތުން ވަކިގޮތަކަށް ނިންމާފައި ވަނިކޮށް، ގާނޫނުއަސާސީގެ އަށްވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް، ސަރުކާރުގެ ވަޒީރުން ސިޓީކައުންސިލަށް ވަންނަވައި، އެ ކައުންސިލުގެ މަސައްކަތްތައް އަތުލަން ކުރާ މަސައްކަތްތައް ހުއްޓާލަން ގޮވާލާ ކަމަށެވެ. 

މީގެ އިތުރުން، މާލޭ ރައްޔިތުން އިންތހާބުކޮށްފައިވާ މޭޔަރު މަގާމާ ހަވާލުވަންދެން "މިއަދު ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ދަންނަވަން،" ކަމަށްވެސް އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. 

ލާމަރުކަޒީ އުސޫލުން ހިންގާ މި ރާއްޖޭގައި މިހާތަނަށްވެސް ދިމާވަމުން އައި އެންމެ ބޮޑޫ ގޮންޖެހުމަކީ، އެއިރެއްގައި އޮންނަ ސަރުކާރާ ކައުންސިލްތަކަކީ އެއް ޕާޓީއަކަށް ނިސްބަތް ނުވާނަމަ، ސަރުކާރުން ކައުންސިލްގެ މަސައްކަތްތަކައް ހުރަސްއެޅުމާއި، ކައުންސިލްތަކުން ސަރުކާރަށް ޖެއްސުންކުރުމެވެ. 

އެގޮތުން، މިހާރުގެ ރައީސް ޑރ. މުޢިއްޒުގެ މޭޔަރުކަމުގައި މާލޭގައި ހިންގާން އުޅުނު އެންމެ ބޮޑު އެއް މަޝްރޫޢުކަމަށްވާ، މާލެ ސިޓީގެ މަގުހެދުމުގެ މަސައްކަތް އެމްޑީޕީ ސަރުކާރުން ހުއްޓުވައި، އެ މަސައްކަތްތައް އޭރުގެ ޕްލޭނިންގ މިނިސްޓްރީގެ ދަށަށް ގެންދިއުން ފާހަގަކޮށްލެވެއެވެ. އަދި އޭރު ސިޓީ ކައުންސިލުން މަޝްރޫޢު ހިންގާން އާރްޑީސީއާއެކު އެއްބަސް ވެފައިވާ އަގަށްވުރެ ދެގުނަ ބޮޑު އަގެއްގައި އެ މަޝްރޫޢު ކުރިއަށް ގެންދިއުމަކީ އަދި އަދަށްދާންދެންވެސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ، އަދި ޖަވާބުވެސް ނުލިބި އޮތް ކަމެކެވެ. 

ސިޓީ ކައުންސިލުން ހިންގާ 120 މިލިއަން ރުފިޔާއަށްވުރެ ބިޔަ މަޝްރޫޢުތައް އިންފްރާންސްޓްރަކްޗަރ މިނިސްޓްރީއާ ހަވާލުކުރާން ނިންމީ، މާލެ ސިޓީގެ އެކްޓިންގ މޭޔަރ، އަދި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ހުށަހެޅުއްވި ހުށަހެޅުއްވުމަށް، ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް 10 މެންބަރުންގެ ތެރޭން 9 މެންބަރަކު ވޯޓުދެއްވައިގެންނެވެ.