ސ. މަރަދޫ "ކޮންކޯޑް2" މަސް ދޯނިން އެއް ދުވަހުގެ ތެރޭގައި 60 ޓަނުގެ މަސްކިރުވައިގެން ރެކޯޑް ޢަދަދެއްގެ ފައިސާ ހޯދައިފިއެވެ. 

ބުރާސްފަތި ދުވަހު ކޮންކޯޑު2ން މިފްކޯއަށް 60،005 ކިލޯ ނުވަތަ 60 ޓަނުގެ މަސް ކިރުވާފައިވާ އިރު، ކިލޯއަކަށް 25 ރުފިޔާގެ ރޭޓުން އެދޯންޏަށް ވަނީ، އެއްދުވަހުގެ ތެރޭހައި 1,500,125ރުފިޔާ (އެކެއް ޕޮއިންޓް ފަހެއް މިލިއަން ރުފިޔާ) ލިބިފައެވެ. މިއީ ފަހުގެ ތާރީޚެއްގައި މިހާ ގިނަ ޢަދަދެއްގެ މަސްކިރުވައި އަދި އެއްދުވަހުގެ ތެރޭގައި މިހާބޮޑު ޢާމްދަނީއެއް ރާއްޖޭގައި ރެކޯޑުކުރި ފުރަތަމަ ފަހަރެވެ. 

މީގެ ކުރީން ވެސް ކޮންކޯޑު2ން ވަނީ، 62 ޓަނުގެ މަސް ކިރުވައިގެން ރެކޯޑު ހަދައިފައެވެ. ނަމަވެސް، އޭރު މަހުގެ އަގު ދަށްކޮށް ހުރުމުން ލިބިފައިވަނީ 1 މިލިއަން ރުފިޔާއެވެ. 

ސ.މަރަދޫ

 

ކޮންކޯޑު2ން މިދިޔަ މާޗްމަހު 62 ޓަނުގެ މަސްކިރުވުމާ ހަމައަށް، އެއްދުވަހުގެ ތެރޭގައި އެންމެ ގިނައިން މަސްކިރުވުމުގެ ރެކޯޑް އޮތީ، ގދ. މަޑަވެލި، ޓީއެސް ލައިން ދޯންޏަށެވެ. 2022 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެ ދޯނިން ވަނީ 57.2 ޓަނުގެ މަސް ކޫއްޑޫއަށް ކިރުވައިގެން 971،584 ރުފިޔާ ހޯދައިފައެވެ. 

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ދަޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މަސް ގަންނަ އެންމެ ދަށް އަގެއްގެ ގޮތުގައި 25 ރުފިޔާއަށް ކަނޑައަޅާނޭކަން އިއުލާނުކުރުމުން، ސަރުކާރު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ، 16 ސެޕްޓެމްބަރު 2023ގައި އެ ދެބޭފުޅުންގެ ވަޢުދު ވަގުތުން ފުއްދައި މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައެވެ. އޭގެ ކުރީން މިފްކޯއަށް މަސްގަންނަމުން އައީ މަސްކިލޯއެއް 17 ރުފިޔާގެ މަގުންނެވެ.