ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި 240 މިލިއަނެއްހާ ރުފިޔާގެ ތެރެއިން މިހާތަނަށް 100 މިލިއަަނަށްވުރެ ގިނަ ރުފިޔާ މި ސަރުކާރުން މަސްވެރިންނަށް ދޫކޮށްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، "މަސްވެރިންގެ ގުންޒަރު"ގައި މަސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިއަހަރު އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން މި ސަރުކާރު ހަވާލުވުމާއި ހަމައަށް މަސްވެރިންނަށް ދޭންޖެހޭ 247 މިލިއަނެއްހާ ރުފިޔާ ނުދީ އޮތް އިރު މި ސަރުކާރުން އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން މަސްވެރިންނަށް ނުދީ ހުރި ފައިސާ ދޫކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ކުރީ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 247 މިލިއަން ރުފިޔާގެ ތެރެއިން މި ސަރުކާރުން މިހާރުވެސް 106 މިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވާކަމަށެވެ. އަދި ބާކީ ނުދީ އޮތް 140 މިލިއަނެއްހާ ރުފިޔާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ވެރިކަމާ ހަވާލުވެ އެންމެ ފުރަތަމަ ފެށި މަސައްކަތުގެ ތެރޭގައި ހިމެނޭ، އެގޮތުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިހާރުވާނީ ދޭންފަށާފައި މިހާރު ގާތްގަނޑަކަށް ބާކީ ހުރީ 140 މިލިއަނެއްހާ ރުފިޔާ، އެފައިސާ ދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުން" ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.