މަސްވެރީންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ފަދައިން، މަސްވެރީންގެ ޤައުމީ ދަފްތަރެއް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ނިންމަވައިފިއެވެ. 

އާދީއްތަދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހު ނިންމާފައި ވަނީ، ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ހިމަނާފައިވާގޮތަށް، މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތް ދަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. 

އެގޮތުން، މަސްވެރިން ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމަށާއި، ތަފާތު އެކިއެކި ބޭނުންތަކަށް މަސްވެރިންނަށް އަމާޒުކޮށް ލޯނު ދޫކުރުމަށާއި މަސްވެރިންނަށް ދަޢުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖްތިމާޢީ ރައްކާތެރިކަމާއި ސަބްސިޑީފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޮންމެހެން މުހިންމު ކަމެއްކަމުގައި ފިޝަރީޒް މިނިސްޓްރީން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.

މަސްވެރިކަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2019/14) ގެ ދަށުން މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް ކަނޑައަޅާފައި އޮތްނަމަވެސް މިހާތަނަށް އެފަދަ ދަފުތަރެއް އެކުލަވާލާފައި ނުވާކަންވެސް މި ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ. 

މަސްވެރިންގެ ޤައުމީ ދަފުތަރު އެކުލަވާލާއިރު ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް ކެބިނެޓް ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.