ރާއްޖެއިން ތުރުކީވިލާތަށް ބޭރުކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކުޑަކުރުމަށް ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތުރުކީއަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ.) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި އިއްޔެ ހަވީރު ރާއްޖެވަޑައިގެން، ނޫސްވެރިންނާ މަޢުލޫމާތު ހިއްސާ ކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ ތުރުކީވިލާތުގައި ބޭއްވުނު މުހިންމު މަޝްވަރާތަކުގެ ތެރެއިން، ދިވެހިރާއްޖެއިން އެ ޤައުމަށް ބޭރުކުރާ މަހުގެ ބާވަތްތަކަށް މިހާރު ނަގަމުން އަންނަ ބޮޑު ޓެރިފްގެ ބަދަލުގައި ދިވެހިރާއްޖެއަށް ޚާއްޞަ ގޮތްތަކެއް ހޯދައި، ޓެރިފް ކުޑަކުރުމަށް އެއްބަސްވެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ މެދުގައި އިޤުތިޞާދީ ދާއިރާއިން ވަރަށް މުހިންމު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި މި އެއްބަސްވުމުގެ ތެރެއިން ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.