މީގެ އަހަރެއްހާ ދުވަސް ކުރީން، ޢާންމު މީހަކު ހުޅުމާލެއަށް އެތެރެކޮށްގެން ވަރަށް ލޯތްބާއެކު އޮޅުކޮށްގެން ގެންގުޅެމުން އައި "އޮޒީ"ގެ ނަންދީފައިވާ ގިނިކާމާދޫނި (އޮސްޓްރިޗް)އަށް ބަޔަކު ދިން ހަމަލާގައި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ބުރާސްފަތި ދުވަހު އެދޫނި މަރުވެއްޖެއެވެ. 

ގިނިކާމާދޫނީގެ ވެރިފަރާތުން ބުނާގޮތުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ކޮށްޓެއްގައި ބަންދުކޮށްފައިވާ އޮޒީއަށް ބަޔަކު ހަމަލާދީފައި ވަނީ، ރޭގަނޑުގެ ވަގުތެއްގައެވެ. އަދި އެ ހަމަލާގައި ދޫންޏަށް ވަރަށް ބޮޑަށް އަނިޔާކޮށް، އޭތީގެ ފައި ވަނީ ބިންދާލައިފައެވެ.

ވެރިފަރާތުން ބުނާގޮތުން ކުރިން ތަންކޮޅެއް އެތެރޭގައި ބަހައްޓާފައި ހުރި ކޮށި، މަގުމައްޗަށް ވާގޮތަށް ނެރެފައި ފަހުން ބެހެއްޓީ، އެސޮރަށް ޒިޔާރަތްކުރާ ގިނަ ޢަދަދެއްގެ މީހުން އެއަށް ކާންދީ ފޮޓޯނަގައި ހަދަން ބޭނުންވާތީއެވެ. 

ވެރިފަރާތުން ވަނީ، ދޫންޏަށް އަނިޔާކުރި ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި އެކަން ކުރިބަޔަކު/މީހަކު ހޯދުމުގައި ޢާންމުންގެ އެހީތެރިކަމަށް އެދިފައެވެ. 

އޮޒީގެ މަރާގުޅިގެން ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ. އަދި އެދޫންޏަށް އެފަދަ އަނިޔާއެއް ދޭން ޖެހުނު ސަބެއް ހޯދުމަށާއި އަދި ދޫންޏަށް އިންސާފު ހޯދައިދިނުމަށް ގޮވާލަމުންނެވެ.