ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަރބަންކޯއަށް ރީބްރޭންޑްކުރި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، އަނެއްކާވެސް އެނަމުގައި ބޭނުންކުރާން ފަށައިފިއެވެ. 

އެޗްޑީސީގެ ލޯގޯއަށް ބަދަލުތަކެއް ގެނެސް، އިފްތިތާހުކޮށް ރަސްމީކޮށް އެޗްޑީސީ އަލުން ވަނީ ބޭނުންކުރާން ބޭއްވި ހަފްލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، " ކުރިން ބޭނުން ކުރަމުން އައި ނަން އަލުން އެޗްޑީސީގެ ނަމަށް ބަދަލުކުރަން ޖެހުނީ، ބޭރުބަޔަކާ މުއާމަލާތު ކުރާއިރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަޅުގަނޑުމެންނަށް ކިޔަނީ ކޮންނަމެއްތޯ ނޫނިއްޔާމުން އެފަރާތް ތަކަށް ކިޔަނީ ކޮންނަމެއްތޯ ވިސްނާލަންޖެހޭތީ" ކަމަށެވެ.

ފަޒުލް ވިދާޅުވީ، ކުރިން ބޭނުން ކުރަމުން ދިޔަ "އާބަންކޯ"ގެ ނަން ދެން ބޭނުންކުރާނީ އެޗްޑީސީގެ ދަށުން ހިންގާ "ސަބް ބްރޭޑިން" ނަމެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން، ކުޑަގިރި، ސްމާޓް ސިޓީ، މައި ހުޅުމާލެ ފަދަ ބްރޭންޑްތައް، އެޗްޑީސީގެ ސަބް ބްރޭބްޑް ތަކެއްގެ ގޮތުގައި ބޭނުން ކުރާނޭކަމަށް އޭނާ ވިދާޅުވިއެވެ. 

އެޗްޑީސީ ރީބްރޭންޑުކޮށް، އާރބަންކޯއަށް ބަދަލުުކުރީ 2023 ވަނަ އަހަރުގެ އޭޕްރީލް ގައެވެ.