މޮޅެތި މެނިފެސްޓޯތައް ހެދިދާނެ! ކަށިނެތް ދޫ ހެލޭތީ، ކޮންމެ ފަދަ މޮޅު ވާހަކައެއްވެސް ދެއްކިދާނެ! ނަމަވެސް، އޭރުވެސް އަދި މިހާރުވެސް އެވެރީންގެ ބަހުރުވަވެސް، އަދި ޢަމަލުތައްވެސް ހުރީ ހަމަ، ވޯޓު ހޯދަންވީމާ ރަށްޓެހީން، ގޯތި ދޭންވީމާ ޝަރުތު ހަމަނުވާ ބީރައްޓެހީންގެ ގޮތުގައި ދަފްތަރު ރައްޔިތުން ބަލައިގަންނަ އުސޫލުން.

މާލެ ސިޓީގެ ދަފްތަރުގެ ދިގު މާޒީގެ އެންމެ ފުރަތަމަ ޞަފްޙާއިން ފެށިގެން މިއަދާހަމައަށް ބަލާއިރު، ތަފާތު އެކި ސަބަބުތަކާ ހުރެ، ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމުގެ ނިޔަތުގައި، ރާއްޖެތެރޭން މާލެއަށް ހިޖްރަކޮށް، ރަށްވެހިކަން ބަދަލުކުރި ރައްޔިތުންނާ މެދު ފާޅުގައި، އެންމެ އިހާނެތިކޮށް ހިތީ ނިމިދިޔަ ސަރުކާރުން ކަމާއެކު ދަފްތަރަށް ނިސްބަތްވާ އެއްވެސް ރައްޔިތަކު ދެބަހެއް ނުވޭ.

އޭރު ޤާނޫނުހަދާ މަޖިލީހާއި ސަރުކާރު ހިމެނޭހެން ދައުލަތުގެ ހުރިހާ ބާރެއް އަތުތެރޭގައި އޮވެމެ، ހުރިހާ ކަމެއް ޙައްލުކުރެވެން އޮތްދުވަހު، ދަފްތަރު ރައްޔިތުންނަށް ފުރައްސާރަކޮށް، ތަފާތުކުރުމުގެ އިންތިހާއަށް ދިޔަ ބަޔަކު މިއަދު މަޖިލީސް އިންތިޚާބުގެ ވޯޓާ ޖެހުނީމައި، ތިމަންނާމެންގެ ބަޓަނަކީ ރައްޔިތުންގެ ބަޓަނޭ، ތިމަންނާމެން ރައްޔިތުން ބާކީ ނުކުރާނަމޭ، ދަފްތަރު ރައްޔިތުންގެ ޙައްޤޭ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ނުކުތީމާ، އެފަރާތްތަކުގެ އިޚްލާސްތެރިކަން ވަރަށް ސާފުކޮށް އަޅުގަނޑުމެން ރައްޔިތުންނަށް އެބަ އެނގޭ.

ދެން އޮތީ، ޣައިރުޤާނޫނީ ބިޔަބޮޑު ޖަރީމާއެއްގެ ތެރޭން، ދަފްތަރު ރައްޔިތުންނާމެދު ބަޔަކު އިންތިހާއަށް އިހާނެތިވެފައި އޮއްވައި، އެކަން ޙައްލުކުރާން އެއްވެސް މަސައްކަތެއް ނުކޮށް، އަދި އެއީ ޣައިރުޤާނޫނީ ޢަމަލެއްކަމަށް ސިފަވާ ފަދަ މޭރުމަކުން ވެސް އެއްޗެކޭ ނުބުނެ، ކުރީން އަޅުގަނޑުމެންނާ މެދު ވެފައިވާ އިހާނެތިވުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ބަލައިގަނެގެން ތިބި ހާލުގައި، ދަފްތަރު ރައްޔިތުންގެ އަޣުލަބިއްޔަތު އޮތް ދެ ދާއިރާ ކަމަށްވާ ހުޅުމާލޭ މެދު ދާއިރާއާއި ހުޅު މާލޭ އުތުރު ދާއިރާއަށް ވާދަކުރައްވާ، މިއަދު ދައުލަތް ހިންގުމުގެ ބާރު އޮތް ފަރާތްތަކުން ދަފްތަރު ރައްޔިތުން ބާކީ ނުކުރާނަމޭ، ރަންއިލޮށިން ކަދުރުކާންދީ، ޖަވާހިރުގެ ގަނޑުވަރުތަކާއި ފިނިފެންމަލުގެ ދާން ނޫންތަނެއްގައި ނިދަންވެސް ތިއްބަ ނުދޭނަމޭ ބުނާފަދަ ބީދައަކުން މޮޅެތި ވާހަކަ ދައްކައި، ވޯޓު ދޭށޭ ގޮވާން ފެށުމުން އެ ބޭފުޅުން ދަފްތަރު ރައްޔިތުންނާމެދު އިޚްލާސްތެރި ވާނޭމިންވަރު އަޅުގަނޑުމެން ދަފްތަރު ރައްޔިތުންނަށް އެނގޭ.

މިއުޅެނީ ޤާނޫނުތަކެއް ނެތިގެނެއް ނޫން. މިއުޅެނީ ޤާނޫނުތައް ތަންފީޒުކުރުވުމާއި، ތަންފީޒު ނުކުރާ ފަރާތްތައް ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވައި އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުންވަގުތަށް އަޅާން ކެރޭފަދަ އިޚްލާސްތެރި މެންބަރުންތަކެއް މަޖިލީހުގައި ނެތިގެން.

ރައްޔިތުންނަށް ޚިދުމަތްކޮށްދެވޭނީ، އެކަމުގެ ހެޔޮ ނިޔަތާއި އިޚްލާސްތެރިކަން އޮތް މީހަކަށް. ހުޅުމާލޭ މެދު ދާއިރާއަށް ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންގެ ތެރޭން، ސިޔާސީ އެއްވެސް ކިލަނބުކަމެއް ނެތް، މިދާއިރާގެ ރައްޔިތުންގެ އިޙްސާސްތައް ރަނގަޅަށް ދަންނަ، އަދި އޭރުވެސް، މިހާރުވެސް ކުރިއަށް އޮތްތާނގައިވެސް ޙައްޤަށް ވަކާލާތުކުރާނޭ ހުރި ހަމަ އެކަނި ކެންޑިޑޭޓަކީ އަޅުގަނޑު! އަޅުގަނޑު މަޖިލީހަށް ވަންނާނީ ތިޔަ ބޭފުޅުން، އަޅުގަނޑަށް ވޯޓު ދެއްވުނީތީ ތިޔަބޭފުޅުން ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ޤާނޫނުހަދާ މަޖިލީހުގައި ކޮށްދޭނޭ ކަމުގެ ފުރިހަމަ ވަޢުދާއި ޔަގީންކަމާއެކު.

އެ ސަރުކާރުންވެސް، މިސަރުކާރުންވެސް އަދި ސިޔާސީ އެއްވެސް ޕާޓީއަކުންވެސް ޤަބޫލެއް ނުކުރޭ، ބިންވެރިޔާ ސްކޭމުން އެތަކެއް ހާސް ދަފްތަރު ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަތީ ޤާނޫނާ ކަނޑައެޅިގެން ޚިލާފަށްކަމަށް. ދެން އެބޭފުޅުން ދަފްތަރު ރައްޔިތުންގެ ޙައްޤުގައި ކޮށްދޭން އޮންނާނީ ކޮން މަސައްކަތެއް؟ ކަމެއް ކޮށްދެވޭނީ މައްސަލައެއް އުޅޭ ކަމަށް ޤަބޫލުކުރާ ނަމަތާ؟

ވޯޓާ ޖެހުނީމަ ދަފްތަރު ރައްޔިތުންނަށް ހަނދުންވެސް ތިމަންނާމެން ގޯތިދޭނަމޭ، ތިމަންނަ ހޮވާށޭ މި ގޮވަނީ ތިމާމެންގެ އަތުގައި އާރާއި ބާރު އޮވެމެ އޭރުވެސް މިހާރުވެސް ދަފްތަރު ރައްޔިތުން ބާކީ ކުރާ ފަރާތްތައް.

އަޅުގަނޑުމެންނަށް ވޯޓުހޯދަން ގުޅާ ބޭފުޅުންނާ މިސުވާލުތައް ކުރިމަތިކުރުވާން އެބަޖެހޭ. އިޚްލާސްތެރިކަމެއް ހުރި ބަޔަކުނަމަ، މިހާރުން މިހާރަށްވެސް ކަންކަން ކުރެވޭނެ އާރާއިބާރު މަޖިލީހުގެ މެޖޯރިޓީންނަށްވެސް، އަދި ސަރުކާރަށްވެސް އެބައޮތް. ކީއްވެ މިކަންކަން ކުށްވެރިކޮށް، ވަގުތުންވަގުތަށް ފިޔަވަޅު އަޅައި ޤާނޫނާ ޚިލާފުވި އެންމެން ޤާނޫނުގެ ކުރިމައްޗަށް ނުގެނެސް ވޯޓުދޭށޭ މިކިޔަނީ؟

ވިސްނުންތެރިކަމާއެކު ވޯޓުދެއްވާ! ތިޔައިން ކޮންމެ ބޭފުޅަކަށްވެސް ވޯޓު ދެއްވޭނީ އެކަކަށް. އަދި ތިޔަބޭފުޅުންގެ ވޯޓުން ހޮވޭނީވެސް އެކެއް. ހޮވަންވީވެސް 1. އިންޝާﷲ، އަޅުގަނޑުމެން މިފަހަރު ހޮވާނީ ދަފްތަރު ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު 1

ދަފްތަރުމުޖޭގެ ކެމްޕޭން ޕޯސްޓަރެއް

 

21 އޭޕްރީލް 2024ގައި ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެން ތިޔަބޭފުޅުންގެ ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު 1، އަޙްމަދު މުޖްތަބާ (ދަފްތަރުމުޖޭ)އަށް ވޯޓުދެއްވާ.!