ތުރުކީގެ ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭޕީ)ގެ ދަޢުވަތަކަށް ރާއްޖޭގެ ވެރިކަންކުރާ ކޯލިޝަން ސަރުކާރުގެ ބައިވެރިވާ އަދާލަތު ޕާޓީގެ ރައީސް، އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ތުރުކީ ވިލާތަށް ފުރާވަޑައިގެންފިއެވެ.

އަދާލަތު ޕާޓީން ބުނީ، "ތުރުކީ ވިލާތުގެ ވެރިކަން ކުރާ @Akparti ގެ ޚާއްސަ ދަޢުވަތަކަށް އެ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް ޢަދާލަތު ޕާޓީގެ ރައީސް، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުالله އާއި ނާއިބު ރައީސް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އަލްފާޟިލް އަހުމަދު ޝަރީފް މިއަދުގެ ވަގުތެއްގައި ތުރުކީ ވިލާތަށް ދަތުރުކުރައްވާނެ" ކަމަށެވެ.

ތުރުކީގެ އޭކޭ ޕާޓީއަކީ، އެގައމުގެ ރައީސް ރަޖަބް ޠައްޔިބު ޢުރްދުޣާން އިސްވެ ހުންނަވައިގެން، ސެކިއުލަރިޒަމްއާ ދެކޮޅަށް، 2001 ވަނަ އަހަރު އުފެއްދި ސިޔާސީ ޕާޓީއެކެވެ. އަދި އެޕާޓީން ވަނީ، ޖެހިގެން އައި އަހަރު (2002 ވަނަ އަހަރު)ގެ އިންތިޚާބުގައި ވާދަކޮށް، ވެރިކަމަށް އައިސްފައެވެ. އެގޮތުން އުރުދުޣާން ވަނީ، 2003 ން 2014އަށް އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވައިފައެވެ. އަދި 2014އިން ފެށިގެން އޭނާއަކީ އެގައުމުގެ ރައީސެވެ. މިހާރު ގުނަމުން މިދަނީ ރައީސްކަމުގެ ތިން ވަނަ ދައުރެވެ.

އުރުދުޣާން އަކީ ތުރުކީގައި އެންމެ ގިނަ ދުވަހު ވެރިކަންކުރެއްވި ސިޔާސީ ލީޑަރެވެ. އޭނާ އެގައުމުގެ އެންމެ މަތީ މަގާމު އަދާކުރައްވާތާ މިހާރު 20 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މީގެ ކުރީން އެގައުމުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރައްވާފައި ވަނީ، ރިޕަބްލިކް އޮފް ތުރުކީ އުފެއްދެވި، މުސްތަފާ ކަމާލް އަތާތުރްކުއެވެ. އެއީ 15 އަހަރުދުވަހެވެ.

އަދާލަތު ޕާޓީއަކީ، އޭކޭޕީއަށްވުރެ 4 އަހަރު ހަގު ޕާޓީއެކެވެ. އެޕާޓީ އުފަންވީ 18 އޯގަސްޓް 2005ގައެވެ. މިހާތަނަށް އަދާލަތަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތެއް ނުލިބުނު ނަމަވެސް، އެޕާޓީން ވަނީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މުޙިއްމު ދައުރެއް އަދާކުރެވޭތޯ މަސައްކަތްތަކެއް ކޮށްފައެވެ.