މަސްޖިދުލް އަޤްޞާއާއި ޤުދުސްގެ ދިފާޢުގައި ޙަމާސް ޖަމާޢަތުން އެކުރަނީ މުޅި އިސްލާމީ އުންމަތުގެ އެންމެން ކުރާންޖެހޭ މަސައްކަތެއް ކަމަށް، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

ޢިމްރާން މިހެން ވިދާޅުވީ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީއާއި، ޤައުމީ ޔުނިވަރސިޓީގެ ކުރީގެ އެސިސްޓެންޓް ޕްރޮފެސަރު އަދި އަދާލަތުޕާޓީގެ އެކްޓިވިސްޓް ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފާއި، ޝެއިޚް އިލްޠާސް ޙުސައިން ޓެގްކުރައްވައި ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

އިމްރާން ވަނީ، "މިއަދު ހަމާސް ޖަމާއަތުން ކުރަމުން އެ ގެންދަނީ މަސްޖިދުލް އަޤްޞާ އާއި ޤުދުސްގެ ދިފާއުގައި މުޅި އުންމަތުން ކުރަންޖެހޭ މަސައްކަތް. އެކަމުގެ އަގު ދައްކަމުން އެ ގެންދަނީ ފަލަސްޠީން ރައްޔިތުންގެ ޠޯހިރު ލެއިން. މިކަމާ މުޅި އުންމަތް ތެދުވާނީ ކޮން އިރަކުންބާ؟"އޭ ވިދާޅުވެ މި ތިންބޭފުޅުންނާ ސުވާލުކުރައްވައިފައެވެ. 

ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި މިހާރުވެސް ދިވެހިރައްޔިތުން ދަނީ، މެދުނުކެނޑި އެހީހޯދުމާއި، އަދި އިޒްރޭލު ކުށްވެރިކުރުމާއި، ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލައި އަޑުއުފުލަމުންނެވެ. އަދި އެންމެ ފަހުން ބޭއްވި ބޮޑު ހިނގާލުމުގައި ދިވެހި ރައްޔިތުން ވަނީ، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށްވެސް ގޮވާލައިފައެވެ. ނަމަވެސް ޢިމްރާންވެސް ހިމެނިވަޑައިގަންނަވާ ސަރުކާރުން އެކަމާ ފިޔަވަޅެއް އަދި އަޅާފައެއް ނުވެއެވެ. 

އޮކްޓޫބަރ 7 ވަނަ ދުވަހު ޙަމާސްގެ މުޖާހިދުންގެ ލަޝްކަރު، ޤައްސާމް ބްރިގޭޑުން އިޒްރޭލު ސިއްސުވާލައި ދިން ކުއްލި ހަމަލާގައި 1400އެއްހާ މީހުން މަރާލައި، 200އަށް ވުރެ ގިނަމީހުން ރަހީނު ކުރި ހާދިސާއަށް ރައްދުދިނުމުގެ ނަމުގައި އިޒްރޭލުން މިހާރު ޣައްޒާއާއި ހުޅަނގު އައްސޭރީގައި ކުރިއަށްގެންދާ ޤަތުލުއާންމުގައި މިހާތަނަށް 7000އަށް ވުރެ ގިނަމީހުން ޝަހީދުކޮށްލާފައި ވާއިރު، އޭގެ ތެރޭގައި 3000އާ ގާތްކުރާ ޢަދަދެއްގެ ކުޑަކުދީންނާއި، 1700އަށްވުރެ ގިނަ އަންހެނުންނާއި، 400އާ ގާތްކުރާ ޢަދަދެއްގެ ޢުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. 

އިޒްރޭލުން ފަލަސްޠީނުގެ ބިންތައް އަޅުވެތިކުރުމަށް ހިންގާ ނަސްލު ނައްތާލުމުގެ އަނިޔާވެރި ޖަރީމާއަށް 3 ހަފްތާ ވެގެން ދިޔައިރު ބައިނަލްއަގްވާމީ ބޮޑެތި ބާރުތަކާއި، ފަލަސްޠީނުގެ ވަށައިގެންވާ ޢަރަބި ގައުމުތައްވެސް ތިބީ އިޒްރޭލާ ދެކޮޅަށް ތެދުވާން ނުކުޅެދިފައެވެ. ހަމާސްގެ މުޖާހިދުންނަށް ފާޅުގައި އެހީތެރިވަމުން ދަނީ، ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތްކަމަށްވާ ހިޒްބުﷲއާއި، ފަލަސްޠީނުގެ އިސްލާމިކް ޖިހާދާއި، އަދި ޢީރާނުންނެވެ.