ރާއްޖޭގެ ސިޔާސީ މަސްރަހްގައި މިފަހަކަށް އައިސް އެންމެ ފާހަގަވެގެން ދިޔަ އެއް ކަމަކީ، ދީނީ ފިކުުރުގެ ޖަމިއްޔާ ޖަމާއަތްތަކާއި، ދީނީ ކަންކަން ކުރިއަރުވާން މަސައްކަތްކުރާ އެކިއެކި ފަރާތްތަކުގެ މެދުގައި ބަދަލުކުރަމުންދާ ބަހުގެ ހަމަލާތަކާއި، އޭގެ ސަބަބުން މުޖްތަމަޢަށް ކުރަމުންދާ ނޭދެވޭ އަސަރުތަކެވެ. ޚާއްސަކޮށް، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައި، ދީނީ ޢިލްމުވެރީންނާއި، ޖަމިއްޔާތަކާއި ޙަރަކާތްތެރީންގެ މެދުގައި، އެކިއެކި މަންސަތަކުގައި ހިނގަމުން ދިޔަ ކުރިމަތިލުންތަކުގެ ސަބަބުން، ޢާންމު ރައްޔިތުން ދަނީ ެއފަރާތްތަކަށް އަމާޒުކޮށް ގިނަ ފާޑުކިޔުންތަކެއްވެސް ކިޔަމުންނެވެ.

މިފަހަރުގެ މައުލޫއަކީ، އަދާލަތު ޕާޓީގެ ރައީސް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲއާއި، ރާއްޖޭގެ ކުރީގެ މަޝްހޫރު ފަންނާނު އަދި މިހާރު ރާއްޖޭގައި އިސްލާމް ދީނަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ސަލަފް ޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރު ޢަލީ ރަމީޒާ ދެބޭފުޅުންގެ މެދުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، އަދި އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް ޢަލީ ޢުމަރު މި ދެބޭފުޅުން ސިފަކުރައްވާ ގޮތުގެ ވާހަކައެވެ. 

އިޒްރޭލުގެ އަނިޔާވެރި ޔާހޫދީ ދައުލަތުން ފަލަސްޠީނުގެ ޣައްޒާގައި މިހާރު ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާ ގުޅިގެން، ދާދި ފަހުން، ޢިމްރާނު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ފަލަސްޠީނު ރައްޔިތުންގެ ހައްގުގައި ފަރުދީ ގޮތުން "އަޅުގަނޑަށް ކުރެވުނު ކޮންމެ ކަމެއް" ކުރައްވާނެ ކަމަށެވެ. އަދި "އެއްވެސް ފަރާތެއްގެ އިންޒާރަކަށް، ބިރުދެއްކުމަށް އަޅުގަނޑު ފަހަތަށް ޖެހޭނެ ކަމަށް ހީނުކުރަށްވާ"ށެ އޭނާ ވިދާޅުވެފައި ވެއެވެ. 

ޢިމްރާނު މިހެން ވިދާޅުވެފައި ވަނިކޮށް، ޢަލީ ރަމީޒް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، "އާރާއި ބާރުގައި ހުރި ދުވަހު އަނިޔާވެރި އިޒްރޭލުގެ ޢުދުވާނުތަކާ ދެކޮޅަށް ބޭއްވި ސައިިކަލު ބުރު ހުއްޓުވާފަ އެއްކަލަ ބާރުވެރިކަން ނެތެމުންދާ ދަނޑިވަޅުގަ ނުކުމެ ފަލަސްތީން ފަލަސްތީން ކިޔަމުން ނުކުންނާނީ ހަމަ އެއްވެސް ގޮތެއް ފޮތެއް ނެތީމަ" ކަމަށެވެ. 

ޢަލީ ރަމީޒް މިހެން ވިދާޅުވެފައި ވަނީ، އިޒްރޭލުން ޣައްޒާއަށް ބޮންއަޅައި ފަލަސްޠީނުގެ އެތަކެއް ރައްޔިތުން ޝަހީދުކޮށްލައި، އެތަކެއް ޢިމާރާތެއް ސުންނާފަތިކޮށް، އެތަކެއް ޢާއިލާތައް ހާލުގައި ޖައްސަމުންދިޔަ ހިތާމަވެރި ދަނޑިވަޅެއްގައި، އިޒްރޭލު ކުށްވެރިކުރުމަށް ގޮވާލައި، 2021 ވަނަ އަހަރު، ޒުވާނުން އިސް ނަގައިގެން ހުޅުމާލޭގައި ބޭއްވި ސައިިކަލު ބުރެއް ހުއްޓުވާފައިވާތީ ކަމަށް ބެލެވެއެވެ. އޭރުވެސް ހޯމް މިނިސްޓަރަކީ ޢިމްރާނެވެ.  

ޢަލީ ރަމީޒް ފަހުން ކުރެއްވި ޕޯސްޓަށް ރައްދުދެއްވައި ޢިމްރާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "އަލީރަމީޒަކީ ކާކުކަން، ކުރަނީ ކޮން ކަމެއްކަން އަޅުގަޑަށް އެނގޭ. ނަމަވެސް ކުރިންވެސް އެއްޗެއް ނުބުނަން އަދި މިހާރުވެސް އެވާހަކަ ދައްކާކަށް ނެތިން،" ކަމަށެވެ. މީގެ އިތުރުން، "އަޅުގަނޑުމެން ދެމީހުންގެ މެދުގައި ނިޔާކުރައްވާނީ މާތް الله." ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. 

ޢިމްރާނު ޢަލީ ރަމީޒަށް ދެއްވި ރައްދާ ގުޅިގެން، ގިނަ ބަޔަކު ދަނީ ޢިމްރާނަށް ވަރަށް ބޮޑަށް ފާޅުކިޔަމުންނެވެ. އޭގެ ތެރޭގައި ޢަލީ ޢުމަރުވެސް ފާހަގަކޮށްލެވުނެވެ. އެގޮތުން ޢަލީ ޢުމަރު ވިދާޅުވެފައި ވަނީ، "ޢަލީ ރަމީޒަކީ ކުރިން ލަވަ ކިޔައިގެން ދިވެހިންގެ ލޯތްބާ މަސްހޫރުކަން ހޯދި ފަރާތެއް، މިހާރު މުދިމެއް ..އަދި ދީނީ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގަ ހިންގާ، ދިވެހިންގެ ލޯތްބާ އިހުރިރާމު ހޯދާފައިވާ ފަރާތެއް!!،" ކަމަށެވެ. 

އޭނާ ވިދާޅުވީ، "ތަފާތަކީ އިމުރާނަކީ ރައްޔިތުން ކުރިމަތީ ދޮގުހަދާ، މީހުންގެ އަބުރު ކަތިލާ އަދި މީސްތަކުން މެދުގައި ނަފްރަތު އުފެފޭފަދަ ވާހަކަ ދައްކާ މަސްހޫރުފަރާތެއް، އަދިވަރަށްގިނަ ދިވެހިން ބަލައިނުގަންނަ ސޭކެއް !!،" ކަމަށެވެ. 

ހޯމް މިނިސްޓަރު އިމްރާންގެ ވާހަކަފުޅަށް ރައްދުދިން ބައެއް ފަރާތްތަކުން ވަނީ، ޢިމްރާނަށް އާރާއި ބާރު އޮތްދުވަހު، އަދި މިހާރުވެސް އާރާއި ބާރު އޮވެމެ، ޢަލީ ރަމީޒްވެސް އަދި އެހެން ބަޔަކުވެސް ގޯސްމަގަކުން ހިނގާނަމަ އެކަން ނުހުއްޓުވަނީ ކީއްވެތޯ ސުވާލުކޮށްފައެވެ. އަދި، ސިޔާސީ މަންފާ ހޯދުމަށް، ދީނީ ޝިޢާރުތައް ވައްދައި، ދީނީ ޢިލްމުވެރީންނާއި ދީނީ ކަންކަމުގައި ޚަރަކާތްތެރިވާ ފަރާތްތަކާ ދެކޮޅަށް ކަންކަން ނުކުރުމަށް ގޮވާލައިފައެވެ. 

ޢިމްރާނުގެ ޕޯސްޓަށް ރައްދު ދިން ސަލީމް މުޙައްމަދު ކިޔާ ފަރާތަކުން ބުނެފައިވަނީ، "އެއްޗެކޭ ނުބުނެހުރުން މާރަގަޅު. އިމްރާނު ދައްކާވާހަކައެއް އަޑުއަހާނެމީހަކު އަމުދުން ނުވެސްނެތް. އެންމެ ފަހުން ހުރިމީހާވެސް ވޯޓަށްފަހުން އަގައިންވެސްނުބުނޭ!" ކަމަށެވެ. 

ޕީޕީއެމްގެ އެކްޓިވިސްޓް މާއިޒް މަހްމޫދު ޢިމްރާނަށް ރައްދުދީ ލިޔެފައިވަނީ، "ކުރިއަކު ވެސް މިހާރަަކު ވެސް ޢަލީ ރަމީޒާއި ބެހޭގޮތުން ދައްކާނެ ގޯސް ވާހަކައެއް ނެތް. އަލީއަކީ އިޚްލާޞްތެރިއެއް. ޢިމްރާން ޢަބްދުﷲ އަކީ ދޮގާއި މަކަރާއި ހީލަތުން ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ މީހެއް. އުފަލަކީ ތިޔަ ވިއްކާ އެއްޗެއް މިހާރު މީހަކު ނުގަންނާތީ. ފުދިއްޖެ!" ކަމަށެވެ. 

މިފްކޯގެ ޕްރޮޖެކްޓް މެނޭޖަރ، އަދި ޗީފް އިންޖިނިއަރ އިބްރާހީމް ޚަލީލު ޢިމްރާނުގެ ޕޯސްޓަށް ރައްދުދެއްވައި ވިދާޅުވެފައި ވަނީ، "ގޯސްކަމެއްކުރާނަމަ ހުއްޓުވުމުގެ ބާރު ޤާނޫނުން ލިބިދީފައިވާއިރު އެއްޗެއްނުބުނެހުރުމަކީ ކުށެއް!" ކަމަށެވެ. 

އެއީ ތެދެކެވެ. އިޚްލާތެރިކަމާއެކު ކަންކަން ކުރާނަމަ ނަތީޖާވެސް ރަނގަޅުވާނެއެވެ. އާރާއި ބާރު އޮންނައިރު، ރައްޔިތުންގެ ވިންދާއެއްގޮތަށް ކަންކަން ކޮށްފި ނަމަ، ހަމަ ޔަގީނުންވެސް އެ ރައްޔިތުން ތިމާމެންގެ ޙައްޤުގައި ދެތުވާނެއެވެ. އަހަރެން ބުނެލަން އޮތީ، ދީނީ ޢިލްމުވެރީން ދީނީ ކަންކަމުގައި ޢިޚްލާސްތެރިކަމާއެކު މަސައްކަތްކުރާން ޖެހޭ ވާހަކައެވެ. އަދި ސިޔާސީ ފަރާތްތަކުންވެސް ސިޔާސީ ކަންކަމަށް އަމިއްލަ މަސްލަޙަތު ނުވައްދައި، ރައްޔިތުންނާ ޤައުމުގެ ޙައްޤުގައި ޢިޚްލާސްތެރި ވާންޖެހޭ ވާހަކައެވެ. އޭރުން މުޖްތަމަޢުގައި ހީނަރުވެފައިވާ ގުޅުން ރަނގަޅުވެ އާރޯވާނެއެވެ. އަދި އޭގެ މަންފާ އެންމެނަށް ކުރާނެއެވެ. ބޭކާރު ޒުވާބުތަކަށް ނުވަދެ، ޢިހްތިރާމާއި ލޯބި ލިބިގެން ތިބެ، އިތުބާރާ ޔަގީންކަމާއެކު ޙަޤީޤީ މަންޒިލަށް މިސްރާބުހިފާން ފަސޭހަވާނެއެވެ. 

ޣައްޒާގައި އޮހޮރެމުންދާ ލެޔަކީ ހަމަ އަހަރެމެންގެ ލެޔެވެ. އަލް ޤުދުސްގައިވާ މުސްލިމުންގެ ފުރަތަމަ ޤިބްލަކަމަށްވާ މަސްޖިދިލް އަޤްޞާ ހިމާޔަތްކުރުމަކީ ހަމައެކަނި ޣައްޒާގެ އަހުލުވެރީންގެ ޒިންމާއެއް ނޫނެވެ. އެއީ އަހަރެމެން ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެކެވެ. އަހަރެމެންނަށް ވެވުނު މިންވަރަކުން، ވެވުނު ކޮންމެ ގޮތަކަށް ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާން ޖެހޭނެއެވެ. އެކަން އެންމެ ފުރިހަމައަށް ކުރެވޭނީ އަހަރެމެން އިޙްލާސްތެރިވެ ނިޔަތް ސާފުވެގެންނެވެ.