ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންކުރަން އިލެކްޝަންސް ކޮމިޝަނުން ދީފައިވާ މުއްދަތު މިއަދު ހަވީރު 6:00އަށް ހަމަވާނެއެވެ. އޭގެ ފަހުން ވޯޓު ލުމުގެ ކަންކަން ނިމެންދެން ކެމްޕޭން ކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުން މަނާވާނެއެވެ. 

އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުން 46 އިންސައްތަ ވޯޓާއެކު އެއްވަނަ ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، 39 އިންސައްތަ ވޯޓާއެކު އެބުރުގެ ދެވަނަ ހޯއްދެވި އެމްޑީޕީ/އަދާލަތުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ދެ ފިކުރަކީ، އެމްޑީޕީ ފިކުރާއި ޕީޕީއެމްގެ ފިކުރެވެ. އެމްޑީޕީ ފިކުރުން ގޮވާލަނީ "އުފާވެރި އަމާން ރާއްޖެ"އެއް ހޯދުމަށް ކެންޑިޑޭޓް ނަންބަރު 3 އަށް ވޯޓު ދިނުމަށެވެ. ޕީޕީއެމް ފިިކުރުން ގޮވާލަނީ، "ދިވެހީންގެ ރާއްޖެ" އަނބުރާ ދިވެހީން ބޭނުންކަމަށް ވާނަމަ ކެންޑިޑޭޓް ނަންބަރު 4 އަށް ވޯޓު ދިނުމަށެވެ. 

އެހެންކަމުން މިއަދު މާލޭގެ "އުސްފަސްގަނޑު" ސަރަހައްދަށް އެއްވާނީ، ވޭތުވެދިޔަ 5 އަހަރުގެ ތަޖްރިބާގެ އަލީގައި "އުފާވެރި އަމާންރާއްޖެ" ހޯދާ ކޭމްޕުގެ ބައިވެރީންނެވެ. އަދި މާލޭ "އާޓިފިޝަލް ބީޗް"ސަރަހައްދަށް އެއްވާނީ، ގެއްލިގެންދިޔަ މަސްކަނޑުތަކާއި، ގެއްލެމުންދާ މިނިވަންކަމާއި އިސްތިޤުލާލާއި، އިގްތިޞާދީ ދަންތުރައިން ޤައުމު އަނބުރާ ކޮޅަށްޖަހައި ދިވެހީންނަށް "ދިވެހީންގެ ރާއްޖެ" ހޯދާ ކޭމްޕުގެ އަހުލުވެރީންނެވެ. 

ޤައުމުގެ ވަލިއްޔުލްޢަމްރުގެ ނިންމުންތަކާއި، ދައުލަތުގެ ކަންކަން ހިނގައިދިޔަގޮތް މިނެކިރާލައި، ގޮތެއް ނިންމުމަށް ރައްޔިތުންނަށް ފުރުސަތު މި ލިބެނީ ކޮންމެ 5 އަހަރަކުން އެއްފަހަރުއެވެ. އެހެންކަމުން، ވޯޓު ލުމުގެ ޙައްޤު ލިބިގެންވާ އެންމެންވެސް ވޯޓުގައި ބައިވެރިވެ ފަރުދީ ޒިންމާ އަދާކުރާން ވާނެއެވެ. ވޯޓުލުން އޮންނާނީ 30 ސެޕްޓެމްބަރު 2023ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00އިން ހަވީރު 5:00އަށެވެ. އަވަހަށް ގޮސް ގައުމީ ވާޖިބު އަދާކޮށްލީމާ، ވޯޓުގެ ކަންކަން ކުރާންތިބި ފަރާތްތަކަށްވެސް ނަތީޖާ ބުނެދޭން ފަސޭހަވާނެއެވެ. އަދި ރައްޔިތުންނަށްވެސް މިދިޔަ ދެމަހެއްހާ ދުވަހު މި ކުރެވުނު ވަރުގަދަ ކެމްޕޭންތަކުގެ ނަތީޖާ ތަންކޮޅެއް އަވަހަށް އެނގިގެންދާނެއެވެ. 

ވޯޓަކީ ސިއްރު އެއްޗެކެވެ. ޤާނޫނީގޮތުން ތިމާއަށް ލިބިގެންވާ އެ ޙައްޤު އެހެންމީހެއްގެ ނުފޫޒުން ބޭކާރުވިޔަ ދީގެން ނުވާނެއެވެ. ޤައުމު މިހާރު އޮތް ޙާލަތާއި، މިއަށްވުރެ ރަނގަޅު ޙާލަތަކަށް، މިއަށްވުރެ ރަނގަޅު މަންޒިލަކަށް ތިމާއާ އަދި އެންމެހާ ދިވެހީން ގޮވައިގެން ދާނޭ މާލިމީއެއް، ކުރިއަށް އޮތް 5 އަހަރަށް ނެގުމުގައި ތިމާގެ އަމިއްލަ ނިންމުމެއްކަމަށް ވޯޓު ހަދާށެވެ. އެ މާލިމީއަކީ މިހާރުވެސް ހުންގާނުގައި ހުންނެވި، ކެންޑިޑޭޓް ނަމްބަރު 3 އިބްރާހިމް މުޙައްމަދު ޞާލިޙު ނުވަތަ ކުރީންވެސް ދިވެހީންނަށް އެ މާލިމީއެއްގެ ހިންގުންތެރިކަން ތަޖްރިބާ ކުރެވިފައިވާ ކެންޑިޑޭޓް ނަންބަރު 4 ޑރ. މުޙައްމަދު މުޢިއްޒު ތޯ ކަނޑައަޅާނީ ތިމާ އަމިއްލައަކަށެވެ.