ދިވެހިރާއްޖޭގެ އެންމެ ބޮޑު، އަދި އެންމެ ދުވަސްވީ މުއާސަލާތީ ޚިދުމަތްދޭ ކުންފުނި، ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު)އަށް 35 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެކުންފުނީގެ ކަސްޓަމަރުންނަށް ޚާއްސަ އޮފަރތަކެއް ތަޢާރަފްކޮށްފިއެވެ. 

އަހަރީ ދުވަހުގެ އޮފަރތަކާ ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން، ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރ އަލީ ރިޔާޒް ވިދާޅުވީ، "ދިރާގުގެ 35ވަނަ އަހަރު ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނާއި ޕާޓްނަރުން އަދި ޙިއްޞާދާރުން އަޅުގަނޑުމެންނާ އެއްކޮށް ތިއްބަވާ އެބޭފުޅުންގެ ޑިޖިޓަލް ދަތުރުގައި އަޅުގަނޑުމެން ޚިޔާރުކުރެއްވިކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން،" ކަމަށެވެ.

އޭނާ ވިދާޅުވީ، "ޑިޖިޓަލް ރާއްޖެއެއް ބިނާކޮށް ޤައުމު ކުރިއެރުވުމުގައި އަޅުގަނޑުމެން މި ކުރަމުންދާ މަސައްކަތަކީ އެބޭފުޅުން [ކަސްޓަމަރުންނާއި ޙިއްސާދާރުން]ގެ އެއްބާރުލުމާނުލާ ހާސިލް ނުކުރެވޭނެ ކަމެއްކަން ޔަޤީން،" ކަމަށެވެ. 

ދިރާގުގެ 35ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ހުޅުވާލި ޚާއްސަ އޮފަރތައް:

  • ރީލޯޑް ބޮނަންޒާ: ދިރާގު އެޕް މެދުވެރިކޮށް 50 ރުފިޔާ ނުވަތަ އެއަށްވުރެ މަތީގެ ރީލޯޑް ކުރާ ކަސްޓަމަރުންނަށް 35 ޖީބީއާ ހަމައަށް ހިލޭ މޯބައިލް ޑޭޓާ ލިބޭނެއެވެ. 24 ގަޑިއިރަށް ލިބޭ މި ހިލޭ ޑޭޓާ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ހޯދޭނެ.
  • ހިލޭ ރައުޓަރ އަޕްގްރޭޑް: ހުރިހާ ކަސްޓަމަރުންނަށްވެސް ރަނގަޅު ހޯމް އިންޓަނެޓް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ޝަރުތު ހަމަވާ ކަސްޓަމަރުންނަށް މިހާރު ބޭނުންކުރާ ރައުޓަރތައް ހިލޭ އަޕްގްރޭޑް ކުރެވޭނެއެވެ. ދިރާގު އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އެފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ނޫންތޯ ބަލާލެވޭނެ.
  • ދިރާގު އީ-ޒޯން: މުޅިން އަލަށް ތަޢާރަފްކުރާ ދިރާގު އީ-ޒޯން ޕްލެޓްފޯމާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ތަފާތު ކޮންޓެންޓް ސަބްސްކްރައިބްކޮށް، ގޭމިންގ އަދި މުނިފޫހިފިލުވުމާ ގުޅުންހުރި އިތުރު ގިނަ ޚިދުމަތްތަކެއް އެއްތަނަކުން ލިބޭނެ. އަދި މި ޕްލެޓްފޯމް އަލަށް ލޯންޗުކުރުމުގެ އޮފަރއެއްގެ ގޮތުން އޮކްޓޫބަރު މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު ހިލޭ މިނީ ގޭމް ސަބްސްކްރިޕްޝަންތަކެއް ލިބޭނެ.

ދިރާގުން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި މި ޕްލެޓްފޯމަށް އައު ކޮންޓެންޓާއި ފީޗާރތައް އިތުރުވަމުންދާނޭ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ދިރާގު އީ-ޒޯނަށް އެކްސެސްވެވޭނެ ކަމަށެވެ. މީގެއިތުރުން މުޅި އޮކްޓޫބަރު މަހަށް ބަހާލައިގެން ސިލްސިލާ ޕްރޮމޯޝަންތަކެއް ލޯންޗުކުރާނެކަމަށް ވެސް ދިރާގުން ބުނެއެވެ.

މި ބައްދަލުވުމުގައި ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ހަސަން ވިދާޅުވީ، "ރާއްޖޭގައި އެންމެ ފުރަތަމަ ސަސްޓެއިނަބިލިޓީ ފަންކްޝަނެއް ގާއިމުކުރި އެއް ކުންފުނީގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ޚިދުމަތް ދޭ ކުންފުންޏެއްގެ އިތުރުން ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައިވެސް ކުރިއެރުން." ކަމަށެވެ.

"ދިވެހިރާއްޖޭގެ ގުޅުން ޕްރަައިވެޓް ލިމެޓެޑް"ގެ ނަމުގައި ދިވެހި ސަރުކާރުގެ 55 އިންސައްތަ އަދި އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔަރލެސްގެ 45 އިންސައްތައާއެކު ޖޮއިންޓް ވެންޗަރ ކުންފުއްޏެއްގެ ގޮތުގައި ދިރާގު އުފެދުނީ 16 މޭ 1988ގައެވެ. އަދި އެކުންފުނީގެ އޮޕަރޭޝަންތައް ރަސްމީކޮށް ފެއްޓީ 1 އޮކްޓޫބަރ 1988ގައެވެ.