ލުބްނާނުގައި އަންގާރަ ދުވަހު ޕޭޖަރުތަކެއް ގޮއްވާލައިގެން، 12 މީހުން މަރުވެ 2750އަށް ވުރެ ގިނަ މީހުން ޒަޚަމްވި ބިރުވެރި ހާދިސާ ހިންގިތާ އެއް ދުވަސް ފަހުން، ވޯކީ-ޓޯކީތަކެއް ގޮއްވާލައިގެން އިތުރު 20 މީހަކު މަރުވެ، 450 އަށް ވުރެ ގިނަ މީހުން ޒަޚަމް ވެއްޖެއެވެ.

ލުބުނާނުގެ އެކި ހިސާބުތަކުގައި މުވާސަލާތީ އާލާތްތަކެއް ގޮއްވާލާފައިވާއިރު އޭގެ ތެރޭގައި ވެރިރަށް ބެއިރޫތާއި ބެޤާ ވާދީގެ ސަރަހައްދު ހިމެނެއެވެ.

ތައިވާނުގެ ގޯލްޑް-އެޕޯލޯ ބްރޭންޑުގެ ޕޭޖަރުތަކެއް އެއްފަހަރާ ގޮއްވާލައިގެން، ހިންގި ނުރައްކާތެރި ހަމަލާ އަމާޒުކޮށްފައި ވަނީ، ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތެއް ކަމަށްވާ ހިޒްބުﷲއަށް ކަމަށް ވާއިރު، މި ހަމަލާތަކުގެ ފަހަތުގައި ވަނީ، އިޒްރޭލު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް، އިޒްރޭލުން މިކަމުގެ ޒިންމާ އަދި ރަސްމީކޮށެއް ނުނަގައެވެ.

ލުބްނާނުގައި ގޮއްވާލި މުވާސަލާތީ އާލާތްތަކުގެ ވާހަކަ ނުދެއްކި ނަމަވެސް، އިޒްރޭލުގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓު ވަނީ، ހަނގުރާމައިގެ އާ މަރުހަލާއެއް ފެށެން ކައިރިވެފައިވާ ކަމަށާއި އެކަމަށް ހިތްވަރާއި އަޒުމާއި ކެތްތެރިކަން ބޭނުންވާ ކަމަށެވެ.

އޭނާ ވަނީ، އިޒްރޭލުގެ އަސްކަރިއްޔާ އާއި ސަލާމަތީ އިދާރާތަކުގެ މަސައްކަތަށް ތައުރީފު ކުރީފުކޮށް، މިހާރު ކުރިއަށްދާ މަރުހަލާގެ "ނަތީޖާ ވަރަށް ހިތްގައިމު" ކަމަށް ބުނެފައެވެ.

ގޯލްޑް-އެޕޯލޯ ކުންފުނިން ވަނީ، ހިޒްބުﷲއަށް އެންމެ ފަހުން ގެންދިޔަ އެ ކުންފުނީގެ ބްރޭންޑިން ބޭނުންކޮށްފައިވާ ޕޭޖަރުތަކަކީ، ސީދާ އެކުންފުނިން އުފައްދާފައިވާ ތަކެތި ނޫންކަމަށް ބުނެފައެވެ. ނަމަވެސް މި ޑިވައިސްތަކަކީ ހަންގޭރީގެ ކުންފުންޏެއް ކަމަށްވާ ބީއޭސީ ކޮންސަލްޓިން ކޭއެފްޓީއިން އުފެއްދި ޑިވައިސްތަކެއް ކަމަށާއި އެ ޑިވައިސްތަކަކީ ބީއޭސީ ކޮންސަލްޓިން އަށް ގޯލްޑް އެޕޯލޯ ބްރޭންޑް ބޭނުން ކުރުމުގެ ހުއްދަ ދޭ ލައިސަންސް އެއްބަސްވުމެއްގެ ދަށުން އުފައްދާފައިވާ ޑިވައިސްތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.